އަފްޣާނިސްތާނާއި ހިއްސާކުރާ ހުޅަނގު ފަރާތުންނާއި އިންޑިއާއާއި ހިއްސާކުރާ އިރުމަތީ ފަރާތުން ޕާކިސްތާނަށް ކުރިމަތިވާ ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަޙުމޫދު ޤުރައިޝީ ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދިޔަ ބިޒްނަސް ލީޑާޒް ސަމިޓްގައި ތަގުރީރުކުރައްވަމުން ޤުރައިޝީ ވިދާޅުވީ، ތަހްރީކީ އިންސާފު ޕާޓީގެ ސަރުކާރުގެ އަމާޒަކީ ފައިސާގެ ދަތިކަން ކުރިމަތިވެ އިނދަޖެހިފައިވާ ޕާކިސްތާނުގެ އިގުތިސޯދު ކޮޅަށްޖެހުން ކަމަށެވެ.

ޖިއޮގްރަފީ ގޮތުން ޕާކިސްތާނު އޮތް ސަރަހައްދަށް ބަލާ، ޗައިނާއާއި އީރާނު ފަދަ ގައުމުތަކާއިއެކު އިގުތިސޯދީ ގުޅުން ބަދަހި ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަންވެސް ޤުރައިޝީ ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާއާއި ޕާކިސްތާނުގެ މައްސަލައަށް އިޝާރާތް ކުރައްވާ ޤުރައިޝީ ވިދާޅުވީ، އިންޑިއާއާއި އެކުވެރިކަން ބަދަހި ކުރެއްވުމަށްޓަކައި ބޮޑުވަޒީރު އިމްރާން ހާން، އެކުވެރި ކަމުގެ ސަލާމަކަށް އަތްޕުޅުދިއްކުރައްވާފައިވާކަމަށާއި، މި ރޮނގުން އިންޑިއާއިން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅަކަށް ޕާކިސްތާނުން ދެ ފިޔަވަޅު ކުރިއަށް އަޅާނެކަމަށް އިމްރާން ވިދާޅުވެފައިވާކަމަށެވެ.

ޤުރައިޝީ މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، މީގެ މަހެއްހާ ދުވަސް ކުރިން މީހަކު އަމިއްލައަށް މަރުވެގެން ޕުލްވާމާގައި ދިން ބޮމުގެ ހަމަލާގައި އިންޑިއާގެ ޕެރާމިލިޓްރީ ފުލުހުންތަކެއް މަރުވި މައްސަލާގައި އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން އިންތިހާއަށް ހީނަރުވެފައި އޮތުމަށްފަހު ދެގައުމުގެ ހައި ކޮމިޝަނުގެ މަސައްކަތްތައް އަލުން ފަށާފައިވާ ދަނޑިވަޅެއްގައެވެ.