ހއ. ތުރާކުނުން މިމަހުގެ އެއްވަނަ ދުވަހު ފެށި ޕެރަމޯޓާ މޯލްޑިވްސްގެ އިވެންޓް މިއަދު މިވަނީ ނިންމާލާފައެވެ.
މި އިވެންޓަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖޭގެ ރަށްތަކާއި ދިރުންތަކަށް ކުރާ އަސަރުތަކާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށްޓަކައި ކުރިއަށްގެންދާ ހަރަކާތެކެވެ. ސްކައި ގައިސް އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މި އިވެންޓްގެ ލީޑް ސްޕޮންސަރަކީ ދިރާގެވެ.
އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކަށް އާންމުން ހޭލުންތެރިކުރުމުގެ އަމާޒުގެ ދަށުން ކުރިއަށް ގެންދިޔަ މި އިވެންޓް ފެށިއިރު ބުނެފައި ވަނީ ރާއްޖޭގެ އުތުރުން ދެކުނަށް 24 ރަށެއްގައި މި ހަރަކާތްކުރިއަށް ގެންދާނެކެމަށެވެ. އައްޑޫ އަށް ނިންމާލަން ހަމަޖައްސާފައިވާ މި އިވެންޓް ވަނީ ފ އަތޮޅާ ހަމައިން ނިންމާލާފައެވެ. މި ވަގުތު ވައިގެ މިސްރާބު ބަދަލުވެފައި ވުމުން މި އިވެންޓް މިވަނީ ނިންމާލާފައެވެ.
ވައިގެ ކުޅިވަރުތައް އިންތިޒާމު ކުރާ ސްކައި ގައިސްގެ މެނޭޖިން ޑިރެކްޓަރު ޖާވިދު ހުސައިން ވިދާޅުވީ ބޭރުގެ 10 ޕައިލެޓުންނާ އެކު ފެށި ދަތުރުގައި 1360 ކިލޯމީޓަރު ކަޑައްތުކޮށްފައިވާ ކަމަށެވެ.
ޕެރަމޯޓާއަކީ ވައިކުޑައެއްގައި ކުޑަ އިންޖީނެއް އަޅައިގެން އުދުއްސާ އުޅަނދަކެވެ. 14 ދުވަހަށް ކުރިއަށް ގެންދިޔަ މި އިވެންޓުގައި ޕެރެގްލައިޑިން އާއި ސްކައިޑައިވިން ފަދަ ކުޅިވަރުތައް ޕްރޮމޯޓްކޮށްފައި ވެއެވެ. މި އިވެންޓު ކުރިއަށް ގެންދިޔަ ރަށްރަށުން ދިން ތަރުހީބު ފާހަގަކޮށް އެ ރަށްރަށުގެ ރައްޔިތުންގެ މެހެމާންދާރީއާ ހިތްހެޔޮކަން ފާހަގަކޮށް ޕެރަމޯޓާ މޯލްޑިވްސްގެ ޓީމުން ވަނީ ޝުކުރުއަދާކޮށްފައެވެ.
ޕެރަމޯޓާ ދުއްވާ ޕައިލެޓުންގެ ތެރޭގައި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރަން ވަނަތައް ހޯދާފައިވާ މީހުން ހިމެނެއެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތާއި އޮމާންގެ އިތުރުން ސައުތު އެފްރިކާގެ މީހުން ހިމެނެއެވެ. 10 ޕައިލެޓުންނާއެކު ސަޕޯޓް ކްރޫއެއްވެސް މީގެ ތެރޭގައި ހިމެނެއެވެ.
މި ދަތުރުގައި ރަށްރަށުގެ ޒުވާނުންނާ ފުރާވަރުގެ ކުދިންނާ ބައްދަލުކޮށް އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުގެ ވާހަކަ ހިއްސާކޮށްފައެވެ. އޭގެ އިތުރުން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މަދުކުރުމަށް ފޮތި ކޮތަޅުވެސް ބަހާފައިވެއެވެ.