ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މުއްދަތެއް ނެތްގޮތަށް މެދުކަނޑާ ނުލާކަމަށް މަޖިލީހުގެ މީޑިއާ ޑިރެކްޓާ ހަސަން ޒިޔާއު ވިދާޅުވެއްޖެއެވެ.

ބަައެއް މީޑިއާތަކުގައި މަޖިލީހުގެ ޖަލްސާތައް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލި ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ޒިޔާއު ވަނީ ދޮގު ކުރައްވާފައެވެ. ޒިޔާއު ވިދާޅުވީ މިހަފްތާގައި ޖަލްސާތައް ނެތީ ޕީޖީ ލީޑަރުންގެ މަޝްވަރާގެ މަތިން ކަމަށާއި ދެން ޖަލްސާތައް އޮންނަ ދުވަހެއް ކަނޑައަޅާނީ ވެސް ޕީޖީ ލީޑަރުންގެ މަޝްވަރާގެ މަތިން ކަމަށެވެ.

މީގެ އިތުރުން ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށް ނުދާކަމަށް ބުނެވެސް ދަނީ ވަހަކަ ދެކެވެމުންނެވެ. ޒިޔާއު ވަނީ މިވާހަކަތައް ވެސް ދޮގު ކުރައްވާފައެވެ.

މަޖިލީހުގެ ޖަލްސާތައް މެދު ކަނޑާލި އިރު 18 ވަނަ މަޖިލީހަށް ހުށަހަޅާފައިވާ ބިލްތަކުގެ ތެރެއިން 20 ބިލް އެބަ އޮތެވެ. އެ ބިލް ތަކުގެ ތެރޭގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލާއި، ހެއްކާބެހޭ ބިލް އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ބިލްގެ އިތުރުން ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލާއި ކުޑަކުދިންގެ އަދުލުގެ ބިލް ހިމެނެއެވެ. އަދި މީގެ އިތުރުން ދައުލަތުގެ ފައިސާއާ މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާ ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލްވެސް ހިމެއެވެ.

މަޖިލީސް މެދުކަނޑާލުމުގެ ކުރިން ކޮމިޝަންތަކަށް ބާރުދޭ ބިލް ތިން ފަހަރު މަޖިލީހަށް ހުށަހަޅާފައިިވެއެވެ. ނަމަވެސް ބިލް ފާސްވާ ގޮތް ވަނީ ނުވެފައެވެ. އެއީ މަރު ކޮމިޝަނާއި ކޮރަޕްޝަންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ބާރު ދިނުމުގެ ބިލެވެ. މި ބިލް ފާސްވާ ގޮތް ނުވެފައި ވަނީ ވޯޓަށް ނޭހިގެންނެވެ. ދެ ފަހަރު މަތިން މަޖިލީސް މެންބަރުން ހަމަނުވެގެން ވޯޓަށް ނޭހުނު އިރު، ތިންވަނަ ފަހަރު މެންބަރުން ހަމަވެފައިވީ ނަމަވެސް ވޯޓަކަށް ނާހައެވެ.