ބޯޓުގެ ސަލާމަތީ ކަންކަން ކަށަވަރުކުރެވި އެކަމާއި ގުޅުންހުރި ބަދަލުތައް ގެނެވެންދެން ބޮއިންގް 737 މެކްސް 8 މަރުކާގެ މަތިންދާބޯޓުތައް ގްރައުންޑުކުރުމަށް އިންޑިއާއިންވެސް ނިންމައިފިއެވެ.

157 މީހުންނާއިއެކު އިތިއޮޕިއާގެ އެޑީސް އަބަބާއިން ފުރައިގެން ކެންޏާގެ ނައިރޯބީއަށް ދަތުރުކުރަމުންދަނިކޮށް އާދީއްތަ ދުވަހު މިމަރުކާގެ މަތިންދާބޯޓެއް ވެއްޓި، އެއިން ދަތުރުކުރި ހުރިހާ އެންމެންގެ ފުރާނަ ގެއްލުނު ހާދިސާއާއި ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުގައި އޮޕަރޭޓްކުރަމުންދާ ގިނަ އެއާލައިންތަކަކުން ވަނީ މި މަރުކާގެ ބޯޓުތައް ވަގުތީ ގޮތުން ގްރައުންޑުކޮށްފައެވެ.

އިންޑިއާއާއިއެކު ވިލާތުގެ އިއްތިހާދުންވެސް މެކްސް 8 ބޯޓުތައް ގްރައުންޑުކޮށްފައިވާއިރު، އިތިއޮޕިއާ، ސިންގަޕޫރު، ޗައިނާ، ފަރަންސޭސިވިލާތް، އަޔަލަންޑް، ޖަރުމަނުވިލާތް، އޮސްޓްރޭލިއާ، އިންޑޮނޭޝިއާ އަދި މެލޭޝިއާއިންވެސް ވަނީ މިމަރުކާގެ ބޯޓުތަކުގެ އުދުހުން އެ ގައުމުތަކުގައި ވަގުތީ ގޮތުން މަނާކޮށްފައެވެ.

ގިނަ ގައުމުތަކަކުން މި މަރުކާގެ ބޯޓުތައް ގްރައުންޑްކޮށްފައިވަނީ ކައިރިކައިރީގައި ނުރައްކާތެރި ހާދިސާތަކެއް ހިނގުމާއިއެކު، ބޯޓުގެ ސަލާމަތްތެރިކަމާއި މެދު ބޮޑެތި ސުވާލުތަކެއް އުފެދިގެންނެވެ. މީގެ 5 ވަރަކަށް މަސްދުވަސްކުރިން އިންޑޮނޭޝިއާގެ ޖާވާ ކަނޑަށް ވެއްޓިފައިވަނީވެސް މިމަރުކާގެ ބޯޓެކެވެ. އެ ހާދިސާގައިވެސް އެއްވެސް މީހެއްގެ ފުރާނަ ސަލާމަތްވެފައެއް ނުވެއެވެ.

އާދީއްތަ ދުވަހު، އިތިއޮޕިއަން އެއާލައިންސް ފްލައިޓް އީޓީ 302 ވެއްޓެން ދިމާވި ސަބަބެއް އަދި ސީދާ ކަށަވަރުވެފައި ނުވި ނަމަވެސް، ބޯޓު ވެއްޓުމުގެ ކުޑަ އިރުކޮޅެއް ކުރިން، ބޯޓަށް މައްސަލަތަކެއް ދިމާވާކަން ފާހަގަކޮށް އަނބުރާ އިތިއޮޕިއާއަށް ބޯޓު ޖެއްސުމުގެ ހުއްދައަކަށް ކެޕްޓަން އެދުނު ކަމަށާ، އަދި އެ ހުއްދަ ކެޕްޓަނަށް ދިން ކަމަށްވެސް ޚަބަރު ލިބެއެވެ.

މެކްސް 8 މަރުކާގެ ބޯޓުތަކުގެ ސަލާމަތްތެރިކަމާއި މެދު ޝައްކު އުފެދެންވީ ސަބަބެއް ނެތް ކަމަށް ބުނެ، އެމެރިކާއިން އަދި މި މަރުކާގެ ބޯޓުތައް ގްރައުންޑުކޮށްފައެއް ނުވެއެވެ.