"ކޮރަލް ބޮލެވާޑް"ގެ މަސައްކަތް ކުރުމަށް ރަސްފަންނާއި ދިމާލުން ބަންދު ކޮށްފައިވާ ބޮޑުތަކުރުފާނުމަގު އާންމުކޮށް ހުޅުވާލާފިއެވެ. މިއަދު ހަވީރުން ފެށިގެން ހަތަރު ފުރޮޅުލީ އުޅުނދުތަކަށް މިހާރު އެމަގުން ދަތުރުކުރެވެއެވެ. އެ މަގު ބަންދުކޮށްފައިވަނީ މިދިޔަ ސަރުކާރުގައެވެ.

މި މަގު ހުޅުވާލަން މިސަރުކާރުން ނިންމީ އެ ސަރަހައްދުގައި އަޅާ 25 ބުރީގެ ޓަވަރުތައް އެހެންތަނަކަށް ބަދަލުކުރަން ނިންމާފައިވާތީއެވެ. މި ޓަވަރުތައް އެހެން ތަނަކަށް ބަދަލުކުރުމުގެ މަޝްވަރާތައް މިހާރު ކުރެވެމުންދާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ރަސްފަންނު މަގު ބަންދުކޮށްފައިވަނީ، ކޮރެލް ބޮލެވާޑުން ހިރިޔާ ސްކޫލުގެ ފަހަތުގައި އޮންނަ ހުސްބިމާއި، ޔޫތް ސެންޓަރުން ބައެއް ހިމެނޭގޮތަށެވެ. ކޮރަލް ބޮލެވާޑް މަޝްރޫއުގައި 350 އެޕާޓްމެންޓާއި، ފިހާރަތަކާއި ކުޅިވަރު ކުޅޭނެ ތަންތަން ތަރައްގީކުރަން ނިންމާފައި ވެއެވެ.