ޓެކްނިކަލް މައްސަލައެއް ޖެހިގެން އެމަޖެންސީކޮށް ލޭންޑް ކުރި މޯލްޑިވިއަން ފްލައިޓް ( ކިއު2-118) އަށް ދިމާވީ ކޮން މައްސަލަ އެއްކަން ތަހުގީގު ކުރާނެކަމަށް މޯލްޑިވިއްނުން ބުނެފިއެވެ.

މޯލްޑިވިއަންގެ ފަރާތުން "ދަޕްރެސް" އާއި ވާހަކަ ދައްކަމުން، މީޑިއާ އޮފިޝަލް މޫސާ ވަސީމް ބުނީ ބޯޓްގެ ކުރީ ލޭންޑިން ގިޔާ ނުހުޅުވޭ ކަމަށާއި، ނުހުޅުވުނީ ކީއްވެގެން ކަން ދެނެގަންނަން އޭވިއޭޝަންގެ ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބޯޓްގެ ކުރީ ލޭންޑިން ގިޔާ ނުހުޅުވޭތީ ނުޖެއްސި ވަގުތު ތަކެއް ހޭދަވި ނަމަވެސް ފްލައިޓްގެ ކްރޫ ނިންމީ 50-50 ޗާންސް އަކުން ކްރޭޝް ލޭންޑިން އަކަށް ދިއުމަށެވެ.

މިފްލައިޓުން ދަތުރުކުރި ދަތުރުވެރިންނާއި އެމީހުންގެ އާއިލާ އަދި އާންމުންގެ ޝުކުރާއި ތަހުނިޔާ ފްލައިޓްގެ ކްރޫންނަށް އަދި މޯލްޑިވިއަނަށް ދަނީ އޮހެމުންނެވެ.

"ބިރުވެރި ދުވަހެއް، ހަނދާނުން ފޮހެވިގެން ނުދާނެފަދަ ތަޖުރިބާއެއް، ފްލައިޓްގެ ކެބިންކްރޫ ވަރަށް ހިއްވަރުގަދަ، ޝީ ކެޕްޓް އެވްރީތިން އަންޑާ ކޮންޓްރޯލް އެންޑް ހެލްޕްޑް އެވްރީވަން" ފްލައިޓުން ދަތުރުކުރި ދަތުރުވެރިއެއް "ދަޕްރެސް" އާއި ވާހަކަ ދައްކަމުން ބުންޏެވެ.

ފްލައިޓްގެ ކްރޫއަށް ސޯޝަލް މީޑިއާގައި އެތައް ބައެއްގެ ތައުރީފު އޮހެމުންދާއިރު ފްލައިޓްގެ ކެޕްޓަން، އަބްދުލް ބާސިތް އިބްރާހިމް އަދި ފަސްޓް އޮފިސާ، ރިމާހް ރުޝްދީގެ އިތުރުން އިން ފްލައިޓް ސުޕަވައިޒާ، ހަސްނާ މުހައްމަދަށް ހާއްސަ ތައުރީފު ލިބެމުން އެބަދެއެވެ. ކެޕްޓަން، ބާސިތަކީ އައްޑޫ ފްލައިން ސްކޫލުން ކޮމާޝަލް ޕައިލެޓް ލައިސަންސް (ސީޕީއެލް) ހާސިލް ކުރި ފުރަތަމަ ދަރިވަރެވެ.

މި ފްލައިޓުން ދަތުރު ކުރީ މުޅިއެކު 44 މީހުންނާއި ތުއްތު ކުއްޖެއްގެ އިތުރުން ފްލައިޓްގެ ކްރޫއެވެ. އަދި ފްލައިޓް ޖެއްސި އިރު އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް މޫސާ ވަސީމް ބުންޏެވެ.

މާލެއިން ކައްދޫއަށް، އަދި ކައްދޫއިން ގަމަށް ދަތުރު ކުރި މި ފްލައިޓް ޖެއްސުމަށް ޝެޑިއުލް ކޮށްފައި ވަނީ މެންދުރު 12:21 ގައެވެ. ނަމަވެސް މި ފްލައިޓަށް ޖެއްސުނީ އެއްގަޑި އިރާއި 20 މިނިޓް ފަހުން މެންދުރު 1:37 ގައެވެ.