ބަންގްލަދޭޝްގައި ދިވެއްސަކު މަރާލާފައިވާ ކަމަށް ބުނެ އެގައުމުގެ ނޫހަކުން ފަތުރާފައިވާ ހަބަރު، ފޮރިން މިނިސްޓްރީ އިން ދޮގު ކޮށްފިއެވެ. ފޮރިން މިނިސްޓްރީން ބުނީ އެހަބަރުގައި ބުނެފައިވާ މީހާއަކީ ދިވެއްސެއް ނޫން ކަމަށެވެ.

ބަންގްލަދޭޝްގެ ޗުނަރުގަތުގެ ސަދޭކްޕޫރު އަވަށުގައި ހޮނިހިރު ދުވަހު ހިނގި މާރާމާރީއެއްގައި، މަރުވެފައި ވަނީ އުމުރުން 35 އަހަރުގެ ލާލު ޝާހު ނަމަކަށް ކިޔާ ދިވެއްސެއް ކަމަށް، އެ ގައުމުގެ "ޔޫއެންބީ" ނޫހުން ބުނެފައި ވެއެވެ.

ޗުނަރުގަތު ޕޮލިސް ސްޓޭޝަންގެ އޮފިސާ އިންޗާޖް މުނީރުއްޒަމާނާ ހަވާލާދީ ނޫހުގައި އިއްޔެ ބުނެފައިވަނީ، ލާލު ޝާހު މަރުވީ، އޭނާގެ ދަރިއަކާއި އޭނާގެ އަވަށްޓެރި ޖާބެދް ހާންގެ ދަރިއަކާ ދެމެދު ހިނގި ހަމަނުޖެހުމެއްގައި ކަމަށެވެ. އަދި މި މާރާމާރީގައި އަވަށްޓެރިއާގެ އާއިލާއިން ތޫނު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީފައިވާ ކަމަށް ވެސް ނޫހުގައި ބުނެފައިވެއެވެ.

ލާލު ޝާހަކީ، އާއިލާ އާއެކު ބަންގްލަދޭޝްއަށް ދިރިއުޅުން ބަދަލުކޮށް، ސަދޭކްޕޫރު އަވަށުގައި ދިރިއުޅެމުން ދިޔަ ދިވެއްސެއް ކަމަށް "ޔޫއެންބީ" ނޫހުގައިވެއެވެ.