ކަރަންޓް ޔުނިޓެއް އެންމެ ބޮޑުކޮށް 2.30ރ އަށް ވިއްކެން އެބައޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
"ތިއިން ގެއެއްގެ ކަރަންޓު ބިލް އަޅުގަނޑަށް ޔަގީން ދެހާހާއި ތިންހާހާ ދެމެދު ހުންނާނެ. މިހާރު އެއާ ކޮންޑިޝަނެއް ބަހައްޓަން އެބަޖެހޭ. ދޮންނަ މެޝިނެއް އެބަ ހުންނަން ޖެހޭ. ކަރަންޓު އިސްތިރިއަކީ ކޮންމެހެން ބޭނުންތެރި އެއްޗެއް. މި ސާމާނު ބޭނުން ކުރެވޭ ގޮތަށް ތަންކޮޅެއް ރަނގަޅު އަގުގައި ކަރަންޓު ލިބެން ޖެހޭ. ހަކަތަ ބޭނުންކޮށްގެން ނޫނީ އުފެއްދުންތެރިކަން އިތުރު ކުރެވޭކަށް ނެތް" ރޭ ގއ އަތޮޅުގެ އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕޭން ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކަރަންޓް އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ސަރުކާރުގެ 100 ދުވަހުގެ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.
އެޖެންޑާ 19 އިން އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ ކަމަށާއި އޭގެ ސަބަބުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ވެގެންދާނީ ދިވެހިންނަށް ވަޒީފާ ލިބުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ކުޑަކޮށް އުޖޫރަ ލިބޭ އުސޫލު ކަނޑައަޅާނީ އެކި މަސައްކަތްތަކަށް އުޖޫރަ ކަނޑައަޅާ އުސޫލުން ކަމަށާއި، އެގޮތަށް އުޖޫރަ ކަނޑައަޅާނީ މަހު އުޖޫރައިން ދުވަހަކަށް ޖެހޭ އަދަދުން ކަމަށް އެމްޑީޕީން ވަނީ ބެނެފައެވެ.
"ރާއްޖޭގައި ބޭރު މީހުން ލައްވައި މަސައްކަތް ކުރުވަނީ އެމީހުންގެ އަގު ހެޔޮވާތީ. އެމީހުން ބިކަ ހާލުގައި ބައިތިއްބައިގެން މަސައްކަތް ކުރިއަށް ގެންދެވޭތީ. އެންމެ ކުޑަ އުޖޫރަ، ދިވެހި މީހާގެ އަގަށް ބޭރު މީހާ ގެނެސްދޭނެ. އެހެންވީމައި ދިވެހި މީހާ ބާކީއެއް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕިގެ ފަރާތުން ރައްޔިތުން މަޖިލީސް އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކުގައި ނަޝީދު ދަނީ އަމަލީގޮތުން ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.
2.30 އަށް ހެދީމާ ބިލުން ކެނޑޭނީ 20 ރުފިޔާ. އެކަމަކުވެސް ވޯޓު ދޭނެ ތަންދޮރު ނޭނގޭމީހުން. މިހާރުވެސް އަހަރެންގޭގެ ކަރަންޓުބިލް އިންނަނީ ތިޔައްވުރެ ކުޑަ ބޭންޑުން 2.15