މިއަދު ހެނދުނު 9.48 ހާއިރު ފުވައްމުލަކު ކުނި ގޮނޑުގައި ރޯވި އަލިފާން ގަނޑު ދަނީ ކޮންޓްރޯލް ކުރެވެމުން ކަމަށް ފުވައްމުލައް ސިޓީގެ ޑެޕިއުޓީ މޭޔާ، މުހައްމަދު ލިރާރު ވިދާޅުވެއްޖެއެވެ.

ފުވައްމުލައް ގޮނޑު އޮންނަނީ ލިންކު ރޯޑާ ދިމާ ހޭޅިފަށުން އެއާޕޯޓުގެ އުތުރަށް ކަމަށާއި އެ ސަރަހައްދުގެ 300 ފޫޓާ ގާތްކުރާ ހިސާބުގައި ދިރި އުޅޭ އާންމުންނަށް ދުމުގެ އުނދަގޫ ފޯރާފައިވާކަމަށް ލިރާރު ވިދާޅުވިއެވެ.

ލިރާރް ވިދާޅުވީ އަލިފާން ރޯވީ ކީއްވެގެން ކަން އަދި އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި މި އަލިފާން ގަނޑަކީ އެއްވެސް މީހަކު ގަސްތުގައި ރޯކޮށްލި އަލިފާން ގަނޑެއްތޯ "ދަޕްރެސް" އިން ސުވާލު ކުރުމުން ލިރާރު ވަނީ އެކަން ދޮގުކުރައްވައިފައެވެ.

ރޯވި އަލިފާންގަނޑު ނިވާލުމުގެ މަސައްކަތުގައި މިއަދު ހެނދުނުއްސުރެ އެމްއެންޑީއެފް ސަދަން އޭރިއާގެ ފަޔަސްޓޭޝަނުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ރަށުގެ އެކި މުއައްސަސާތަކުން ގުޅިގެން އަލިފާން ނިއްވާލުމުގެ މަސައްކަތުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.

ރާއްޖޭގައި ހިނގާ އަލިފާނުގެ ހާދިސާތަކަށް ބަލާއިރު މިދިޔަ ހަފްތާ ތެރޭގައި އައްޑޫސިޓީ މަސް ފެކްޓްރީއެއްގައި ރޯވެ އަގުބޮޑު މުދާތަކެއް ހަލާކުވެފައިވެއެވެ.