ބްރިޖް ވިއުއިން ޕްލެޓްފޯމާ، އިންވެގެން ހަދާފައި ހުރި ‘ނިއުޕޯޓް ވިއު’ ރެސްޓޯރެންޓް 1 މަސް ދުވަސްތެރޭ ހުސްކުރުމަށް ސަރުކާރުން އަންގައިފިއެވެ.
ނިއުޕޯޓް ވިއު ހިންގަމުންދާ ސްޓްރާޑާ ކުންފުންޏަށް، އެތަން ހުސްކުރުމުގެ ނޯޓިސް، ޕްލޭނިން މިނިސްޓްރީއިން ފޮނުވާފައި ވަނީ އިއްޔެއެވެ.
ބްރިޖް ވިއުއިން ޕްލެޓްފޯމުގާ އެތަން ހިންގުމަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް، އެ ސަރަހައްދު ކުއްޔަށް ދޫކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުރީ، އޭރު ވެރިކަން ކުރި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކައުންސިލް މެންބަރެއްގެ ގޮތުގައި ހުރި ޒާހިދު ރަމީޒެވެ.
އެކަމަކު ވެރިކަން ބަދަލުވުމުން ޒާހިދު ވަނީ ކުންފުނި ހިންގުމާ ދުރުވެ އޭނާގެ އަންހެނުންނާ، ކުންފުނީގެ ހިންގުން ހަވާލު ކޮށްފައެވެ.
ކުރިން އެކުންފުނިން ސިނަމާލެ ބްރިޖް ސަރަހައްދުގައި އިމާރާތް ކުރި "ޗާ ޓައިމް"، ސަރުކާރުގެ ބޭނުމަށް ތަޅާލަން ޖެހުމުން އެކަމުގެ ބަދަލުގައި، އެތަން ހިންގި ކުންފުންޏަށް 15 މިލިއަން ރުފިޔާ ދޫކުރުމަށް އޭރުގެ ސަރުކާރުން ނިންމިއެވެ. އެކަމަކު، އެކަން މަޑުޖައްސާލުމަށް، މިދިޔަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ހައުސިން މިނިސްޓްރީ އަށް އަންގާފައެވެ.