އިއްޔެ ހަވީރު 4:00 ހާއިރު ލ.މާމެންދޫ އިން، އައިމިނަތު ޝިމާ ނާފިޒުގެ އަންހެން ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ދަނިކޮށް، ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން މީހުންގެ ބަންދަށް 15 ދުވަސް ދީފިއެވެ.

މިހާދިސާގައި ސިކްސް ސެންސް ރިސޯޓު ކައިރިން ފުލުހުން ޑިންގީ ހުއްޓުވި އިރު އޭގައި ތިބި ތިން ފިރިހެނުން ތިބީ މޫނު ނިވާކޮށްގެންނެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ 22 އަހަރުގެ ފިރިހެނަކާ 24 އަހަރުގެ ފިރިހެނެއްގެ އިތުރުން 26 އަހަރުގެ ފިރިހެނެކެވެ. މި ތިން މީހުންގެ ތެރެއިން 24 އަހަރުގެ މީހަކީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލިގެން ހޯދަމުންދާ ޝިމާ، އިން ޑިންގީ ދުއްވަން އިން އިބްރާހިމް ފަޒީލެވެ.

މިފަހަރު ފަޒީލް ގެންދަން އުޅުނީ ޝިމާގެ ހަގަށް ހުންނަ 16 އަހަރުގެ އެއްމާބަނޑު ދެކުދިންގެ ތެރެއިން އެއް ކުއްޖެއްކަމަށް ޝިމާގެ ބޭބެ އަހުމަދު ޝައިނީ ނާފިޒު ބުންޏެވެ. ޝިމާގެ ބޭބެ ކިޔައިދިން ގޮތުގައި ފަޒީލަކީ ޝިމާގެ ކޮއްކޮ އާ ރައްޓެހިވެގެން އުޅުނު މީހެއް ކަމަށާއި ޑިންގީއަށް އަރުވައިގެން ގެންދިޔައީ ރައްޓެހިވެގެން އުޅުނު ކުއްޖާގެ އެއްމާބަނޑު ކޮއްކޮއެވެ.