އަންނަ މަހު އޮންނަ މަޖިލިސް އިންތިހާބަށް އިއުލާންކޮށްފައި އޮއްވާ އިންތިހާބާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކަށް ބަދަލު ގެނައުން ހުއްޓާލަން ޖެހޭކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް ވިދާޅުވެއްޖެވެ.
އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިންތިހާބަށް އިއުލާން ކުރުމުގެ ފަހުން އިންތިހާބާއި ގުޅުން ހުރި ގާނޫނު ތަކާއި ގަވާއިދުތަކަށް ބަދަލު ގެނައުން ހުއްޓާލާން ޖެހޭ ކަމަށެވެ. އެހެންނޫނީ އިންތިހާބުތައް ހަރާބުވެ ހިނގައިދާނެ ކަމަށެވެ.
އިދިކޮޅު މައި ޕާޓީ ޕީޕީއެމުން ވަނީ ވޯޓު ކަރުދާހުގައި ކުރަހައި ނުވަތަ ލިޔެފިނަމަ އެ ވޯޓު ކަރުދާސް ބާތިލުވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު އިސްލާހެއް ހުށަހަޅާފައެވެ. ނަމަވެސް އިންތިހާބަހަށް ކުޑަތަންވެފައި ވަނިކޮށް އެ އިސްލާހަށް އަމަލުކުރުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށާއި އަދި އޭގެސަބަބުން ގިނަ ވޯޓުތަކެއް ބާތިލުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އިއުލާނުކުރުމުގެ ކުރިން އެ އިސްލާހު އިހު އޮތްގޮތަށް ބަދަލުކުރުމަށް އިލެކްޝަނުން މަޖިލީހުގައި އެދުނުކަން އަކްރަމް ފާހަގަކުރެއްވިއެވެ. ނަމަވެސް އިންތިހާބަށް ކުޑަތަންވެފައި ވަނިކޮށް އެ އިސްލާހު ބަދަލުކުރުމުން ކަންބޮޑުވާ ކަމަށް ވިދާޅުވިއެވެ.
އިންތިހާބަށް ރައްޔިތުން އަހުލުވެރި ކުރުވުމަށް އަތޮޅުތަކާއި މާލޭގައި ގިނަ ޕްރޮގްރާމުތަކެއް ހިންގަން ފަށާފައިވާއިރު އެކަން ކުރަމުން އަންނަނީ މިހާރު ގާނޫނު އޮތް ގޮތަށް ވޯޓު ކަރުދާހުގައި ކުރެހިޔަސް ވޯޓު ބާތިލު ނުވާ ގޮތަށެވެ.
އަކްރަމް ވިދާޅުވީ ރައީސް އެ އިސްލާހު ތަސްދީގު ކުރައްވައިފި ނަމަ އީސީން އެ އިސްލާހަށް އަމަލުކުރަން މަޖުބޫރު ވާނެ ކަމަށާއި އެކަމަކު އެއީ ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވާނެ ކަމެއް ކަމަށެވެ.