ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވަނީ ނުހައްގުން ނޫން ކަމަށް ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދުގެ އާއިލާއިން ބުނެފިއެވެ.
އާއިލާއިން ބުނީ ލިސްޓް ނެރުނު އިރު ލިބިފައިވާ ޕޮއިންޓް ނުހިމަނާ ފްލެޓް އަށް ހައްގު މީހުންތޯ ނޫންތޯ އޮޅޭ ގޮތަށް ލިސްޓް ނެރެފައިވާ ކަމަށެވެ. ޔަޒީދުގެ އާއިލާގެ ގިނަ ބަޔަކަށް ފްލެޓް ދީފައިވަނީ ނުހައްގުން ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ކަމަށް ސޯޝަލް މީޑިއާގައި ހަބަރު ފެތުރެމުން ދާތީ އާއިލާގެ ގިނަ ބަޔަކަށް ނަފްސާނީ ގޮތުން ގެއްލުން ލިބެމުންދާ ކަމަށެވެ.
ގއ ވިލިނގިލީ، ވައިޖެހޭގޭ ރަޖިސްޓްރީގައި ތިބި 37 މީހުންނަކީ ވަކިވަކި 12 އާއިލާ ކަމަށާއި މި ހުރިހާ އެންމެން އެއް ގެއެއްގެ ރަޖިސްޓްރީގައި ތިބުމަކީ އަމިއްލަ ނަމުގައި ބޯހިޔާވަހިކަމެއް ނެތި މާލޭގައި ކުއްޔަށް އުޅެމުންދާ ކަމުގެ ހެއްކެއް ކަމަށް އާއިލާއިން ބުނެއެވެ.
ޔަޒީދުގެ އާއިލާގައި 200 އަށް ވުރެ ގިނަ މީހުން ތިބޭ އިރު މިފަހަރު ފްލެޓް ލިސްޓުގައި އެކި ކެޓެގަރީ ތަކުން އެގޭގެ ރަޖިސްޓްރީގައި ތިބި އަށް އާއިލާއަށް ފްލެޓް ލިބުމުން އެނގެނީ އެތައް ފަރަހެއްގެ މަތިން ދޫކުރި ފްލެޓް ތަކުން ފްލެޓް ހައްގުވެ، ފްލެޓް ލިބިފައިނުވާކަން ކަމަށް އާއިލާއިން ބުނެއެވެ.
މި ފަހަރު ފްލެޓް ލިބުނު ޔަޒީދުގެ އާއިލާގެ މެންބަރުންނަށް ފްލެޓް ހައްގުވާކަމަށް ބުނެ އާއިލާއިން ވަނީ 8 މެންބަރެއްގެ ވަނަވަރު 'ދަޕްރެސް' އާ ހިއްސާ ކޮށްފައެވެ.
މި އަށް އާއިލާ އަކީ ޒިޔާދާއި އާއިލީ ގޮތުން ގުޅުންހުރި މީހުން ކަމަށް ވާތީ މި މީހުންނަށް ބޯހިޔާވަހި ކަމުގެ ހައްގާއި ދިރިއުޅުމުގެ ހައްގު ލިބެން ނުޖެހޭތޯ އެއާއިލާއިން ދަނީ ސުވާލުއުފައްދަމުންނެވެ.
މިދިޔަ ސަރުކާރުން ފްލެޓް ދިން މީހުންގެ ތެރޭގައި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ނުހައްގުން ގިނަ ބަޔަކަށް ފުލެޓް ދިން ކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ. އޭގެ ތެރޭގައި އޭރުގެ ސަރުކާރުގެ ބައެއް ބޮޑުންނާ އެމީހުންނާ ގުޅުން އޮންނަ ފަރާތްތައް ހިމެނޭ ކަމަށް މިހާރުގެ ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ
ފުލެޓް ދިނުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް ރިވިއުކޮށް، ފުލެޓް ހައްގުވާ ފަރާތްތަކަށް އެންމެ އިންސާފުވެރިކޮށް ފުލެޓް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކޮމެޓީއެއް ވެސް އުފައްދާފައެވެ.