އައްޑޫ ޓާޝަރީ ހޮސްޕިޓަލް މިއަހަރުތެރޭ ހުޅުވޭނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އާމީން ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވީ އައްޑޫ ސިޓީ ފޭދޫގެ އެއިމްސް ހެލްތް ކެއާ އާއި އިންޑިއާގެ މަޝްހޫރު އެޕޯލޯ ހޮސްޕިޓަލް ގުޅިގެން ޓެލެ މެޑިސިންގެ ހިދުމަތް އައްޑޫގައި ތައާރަފް ކުރުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ހޮސްޕިޓަލް ހުޅުވޭއިރު އައްޑޫގައި ސިއްހީ ހިދުމަތް ފުޅާކުރުމަށް އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ ސަބަބުން ވަށާޖެހިފައިވާ ސިއްހީ ހިދުމަތެއް އެ ސިޓީ އަށް ލިބުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އަތޮޅު ތަކުގައި ހުޅުވޭ އެންމެ ފުރިހަމަ ޓާޝަރީ ހޮސްޕިޓަލް ހުޅުވުމަށް ތަފާތު އެކި ތާރީހުތަށް މީގެކުރީގެ ސަރުކާރުން ދީފައިވާއިރު މިއަހަރުތެރޭ މި ހޮސްޕިޓަލް އައްޑޫގައި ހުޅުވޭނެ ކަމުގެ ޔަގީންކަން މިނިސްޓާ ވަނީ ރޭގެ ޖަލްސާގައި ދެއްވާފައެވެ.

މި ޓާޝަރީ ހޮސްޕިޓަލަކީ 100 އެނދާއި، އެމްއާރުއައި އަދި ސީޓީ ސްކޭންގެ ހިދުމަތާއި، ފަސް އޮޕަރޭޝަން ތިއޭޓަރުގެ އިތުރުން މޯޗަރީ އަކާއި ޕްރައިވެޓް ރޫމްތައް ވެސް ހިމަނައިގެން ހަދާފައިވާ ހޮސްޕިޓަލެކެވެ.