މިދިޔަ ހޮނިހިރު ދުވަހު ނިޔާވި ހާއްސަ އެހީއަށް ބޭނުންވާ 42 އަހަރުގެ އަލީ ނިޔާޒްގެ އާއިލާއިން އޭނާގެ މަރާ ބެހޭގޮތުން އެއްވެސް މީހަކާ ޒުވާބުކޮށް އެއްވެސް މީހަކަށް ތުހުމަތު ކުރަން ބޭނުން ނުވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްފިއެވެ.
ނިޔާޒްގެ އާއިލާއިން ކުރިން ކުރި ޕޯސްޓެއްގައި ނިޔާޒްގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ބޭނުންވާ ކަމަށާއި އެ ލާއިންސާނީ އަމަލުތައް ހިންގި މީހުންނަކީ ކޮބައިކަން ބަލާނެކަމަށް ބުނެފައިވެއެވެ. ނަމަވެސް މި ޕޯސްޓް މިހާރު ވަނީ ޑިލީޓްކޮށްފައެވެ.
މި ޕޯސްޓަށް ޖަވާބުދާރީވަމުން މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ބުނީ އެ މިނިސްޓްރީން ބެލިބެލުމުން އެނގުނީ ނިޔާޒްގެ ހަށިގަނޑުން ފެނިފައިވާ ނިޝާނަކީ އޭނާގެ ޢާއިލާއިން އޭނާގެ ފައިގައި ޗޭނެއް އައްސައިފައި އޮތުމުގެ ސަބަބުން ފާޅުވެފައިވާ ނިޝާނެއް ކަމަށެވެ. އަދި ނިޔާޒާއި ގުޅޭ މައްސަލަ ކަމާބެހޭ ފަރާތްތަކާ އެކު ބަލަމުންދާ ކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ.
ނިޔާޒަކީ ކ. ގުރައިދޫގައި، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ސެންޓަރުގައި މިދިޔަ ޑިސެމްބަރު މަހު 10 އަކުން ފެށިގެން "ޑައުންސިންޑްރޯމް" އަށް ފަރުވާ ހޯދަމުން އައި މީހެކެވެ.
އޭނާގެ އާއިލާއިން ބުނީ ހާލު ބޮޑުވެގެން މިދިޔަ މަހު 24 ގައި ނިޔާޒް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންދެވުނު ކަމަށެވެ. ނިޔާޒް އައިޖީއެމްއެޗަށް ގެންދެވުނީ ހުން ގަދަވެގެން، ކާއެއްޗެހި ނުކެވުމުން ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަމުގެ ސަބަބުންނެވެ.
ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ސެންޓަރުގެ މުވައްޒަފުން މައުލޫމާތުދޭ ގޮތުގައި އައިޖީއެމްއެޗަށް ގެންދިއުމުގެ ކުރިން ދެފަހަރަކު ގުރައިދޫ ހެލްތް ސެންޓަރަށް ވެސް ނިޔާޒް ގެންދިޔައެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނީ ނިޔާޒްގެ ފައިގެ ކުޑަހުޅުން ދުޅަވެ، ހަންގޮސް ނޫފައިގެންފައިވާ ކަމަށާއި ހައްޔަރުކޮށް، ތަނެއްގައި އައްސާފައި ހުރި ކަމުގެ ނިޝާންތައް ނިޔާޒްގެ ހަށިގަނޑުން ފެންނަން ހުރި ކަމަށެވެ. އަދި އާދަޔާ ހިލާފަށް ނިޔާޒްގެ ބަރުދަން ލުއިވާތާ އެއްމަސް ވެފައިވާ ކަމަށް އެޗްއާރްސީއެމުން މައުލޫމާތުދެއެވެ.
ނިޔާޒްގެ ބަލި ހާލަތު ހުރި ގޮތުން އޭނާއަށް ކާން ދީ ޖޫސް ފަދަ އެއްޗެހި ދިނީ "ފީޑީން ޓިއުބް" އެއްގެ އެހީގައިކަމަށް މައުލޫމާތު ލިބެއެވެ. ނިޔާޒު ނިޔާވެފައިވަނީ ނޭވާލުމުގައި ދަތި އުނދަގޫ ވަގުތުތަކެއް ހޭދަކުރުމަށް ފަހު ސްޓްރޯކެއް ޖެހިންގެން ކަމަށް އާއިލާއިން ބުނެފައިވެއެވެ.