އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިދިޔަ އަހަރު ޖުމްލަ 930 މައްސަލަ ރަޖިސްޓާ ކުރެވުނު ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

އޭސީސީ އިން ނެރުނު މިދިޔަ އަހަރުގެ އަހަރީ ރިޕޯޓާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ މިދިޔަ އަހަރު 930 މައްސަލައެއް އެ ކޮމިޝަންގައި ރަޖިސްޓާ ކުރެވުނު އިރު ތަހުގީގު ކުރަން ނިންމީ އޭގެ ތެރެއިން 802 މައްސަލައެއް ކަމަށެވެ.

މުއަވިއްޒު ވިދާޅުވީ މީގެ ކުރީ އަހަރުތަކުގައި ހުށަހެޅުނު މައްސަލަތައް ހިމެނޭ ގޮތަށް 1299 މައްސަލައެއް ނިންމާފައިވާ ކަމަށާއި ނަމަވެސް އޭގެ ތެރެއިން 1292 މައްސަލައެއްގައި ކޮރޮޕްޝަންގެ އަމަލެއް ނެތް ކަމަށެވެ. އަދި އޭގެތެރެއިން ޕީޖީ އޮފީހަށް ދައުވާ ކުރުމަށް ފޮނުވާފައި ވާނީ ހަތް މައްސަލައެއް ކަމަށެވެ.

އެ ހަތް މައްސަލާގައި ފޮނުވާފައި ވާނީ 14 ދައުވާއެއް ކުރުމަށް ކަމަށް މުއައްވިޒް ވިދާޅުވި އެވެ.

ކުރިން ހުށަހެޅި މައްސަލަތަކާއެކު ޕީޖީ އޮފީހުން 37 މައްސަލައެއް އަނބުރާ އޭސީސީއަށް ފޮނުވާފައިވާ ކަމަށާއި މިދިޔަ އަހަރު އަނބުރާ ފޮނުވި މައްސަލަތަކުގެ ތެރެއިން ގިނައީ މީގެ ތިން އަހަރު ކުރިން ދައުވާ ކުރުމަށް ފޮނުވި މައްސަލަތައް ކަމަށް ވެސް މުއައްވިޒް ވިދާޅުވި އެވެ.

މުއައްވިޒް ވިދާޅުވީ އޭސީސީއަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅެނީ ދައުލަތުގެ ޕްރޮކިއުމަންޓު ނިޒާމާ ގުޅުން ހުރި މައްސަލަތައް ކަމަށެވެ. އޭގެ އިތުރުން ގޯތިގެދޮރާ ގުޅުން ހުރި 114 މައްސަލައެއް ހުށަހަޅާފައިވާ އިރު ވަޒީފާއާ ގުޅޭ 90 މައްސަލައެއް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް މުއައްވިޒް ވިދާޅުވިއެވެ.