ޖަރުމަނު ވިލާތުގެ ބާލިންގައި ކުރިއަށްދާ ފަތުރުވެރިކަމުގެ ފެއާ، އައިޓީބީގައި ދިވެހި ބަހުން ތައްޔާރު ކޮށްފައި ހުރި ކްރިސްޓިއަން ދީނުގެ ފޮތްތަކެއް ބަހައިފި ކަމަށް ހަބަރު ލިބިއްޖެއެވެ. ފެއާގައި ބައިވެރިވި މީހަކު ވަނީ އެފޮތްތަކުގެ ފޮޓޯއެއް އޭނާގެ ޓްވިޓާގައި ހިއްސާ ކޮށްފައެވެ.

އޭނާ ބުނީ ޔޫރަޕް މީހުން މިހާ ފައްކާކޮށް މިކަން ކުރީ ކިހިނެތްހެއްޔެވެ. އަދި އޭނާ ބުނީ މިފޮތްތައް ބެހި މީހަކު ބަހާފައިވަނީ ބާލިން ފެއާގައި ހުރި ރާއްޖޭގެ ސްޓޭންޑް ގައި ކަމަށެވެ.

މިކަމާ ގުޅިގެން އައިޓީބީ ފެއާގައި މިވަގުތު ހުންނެވި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސްގެ މެނޭޖިން ޑައިރެކްޓާ ތޮއްޔިބު މުހައްމަދާ ސުވާލު ކުރުމުން ވިދާޅުވީ އެފަދަ އެއްޗެއް ރާއްޖޭގެ ފެއާއިން ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމެއް ކަމަށް ވާތީ، ދޭތެރެ ދޭތެރެއިން މިބާވަތުގެ ފޮތްތަކާ، އަދި ބުދު ދީނުގެ ބުދުފަދަ ތަކެތި އެކިފަރާތްތަކުން ރާއްޖެއަށް އެތެރެ ކޮށްފައި އެބަހުއްޓެވެ. އަދި މިބާވަތުގެ ތަކެތި ރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން އަތުލައި ނައްތާލައިފައި ވާކަންވެސް ފާހަގަ ކުރެވޭ އިރު މިދިޔަ ހަފްތާގައި އިންޑިއާ އިން ރާއްޖެ އައި 4 ފަތުރުވެރިއަކު 28 ބުދާ އެކު ވަނީ ހިފަހައްޓާ އަނބުރާ ފޮނުވާލައިފައެވެ.