ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ފަށާފައިވާ ވަރުގަދަ އޮޕަރޭޝަންގެ ދަށުން، ދީނީ ތައުލީމު ފޯރުކޮށްދިނުމުގެ ނަމުގައި ހިންގަމުންދިޔަ 182 ސްކޫލެއްގެ ކޮންޓްރޯލް ޕާކިސްތާނުގެ ކަމާ ބެހޭ ފަރާތްތަކުގެ ބާރުގެ ދަށަށް ގެންގޮސް، 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.

ކަޝްމީރުގެ އިންޑިއާއާ ވީ ފަޅީގައި އޮންނަ ޕުލްވާމާއަށް އަމާޒުކޮށް ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތަކަކަށް ނިސްބަތްވާ ހަނގުރާމަވެރިއަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއާއި ގުޅިގެން، ހަނގުރާމަވެރިންނާއި ދެކޮޅަށް މަސައްކަތްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ޕާކިސްތާނަށް ފިއްތުންތައް ކުރިމަތިވެފައިވާއިރު، ޕާކިސްތާނުގެ ސަރުކާރުން މިހާރު ދަނީ ހަނގުރާމަވެރި ޖަމާއަތްތައް ކޮންޓްރޯލްކޮށް، އެޖަމާއަތްތަކުގެ ބާރު ކަނޑުވާލުމަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގަމުންނެވެ.

ޕާކިސްތާނުގެ ދާހިލީ ވުޒާރާއިން ބުނީ ހަނގުރާމަވެރިންނާއި ދެކޮޅަށް އެގައުމުން ފަށާފައިވާ އޮޕަރޭޝަނަކީ ޕުލްވާމާ ހަމަލާއާއި ގުޅިގެން ފެށި އޮޕަރޭޝަނެއް ނޫންކަމަށާއި، އެއީ އެގައުމުން ދުރާލާ ރާވާފައިވާ އޮޕަރޭޝަނެއް ކަމަށެވެ. ޕުލްވާމާ ހަމަލާގައި އެގައުމުގެ އަތެއް ވާކަމަށް ކުރަމުންދާ ތުހުމަތުތަކަށް ޕާކިސްތާނުން ދަނީ އިންކާރު ކުރަމުންނެވެ.

ޕާކިސްތާނުގައި ހިންގަމުންދާ ދީނީ ސްކޫލްތައް ނުވަތަ މަދްރަސާތަކަކީ ބޮޑު ބަހުސަކަށްވެފައިވާ ތަންތަނެވެ. އެ މަދަރުސާތަކަކީ ދީނީ ގޮތުން ހަރުކަށިފިކުރަށް ޒުވާނުން ބޯލަންބުވާ، ހައްދުފަހަނައަޅާފައިވާ ފިކުރު ޕްރޮމޯޓްކުރާ ތަންތަން ކަމަށް ތުހުމަތުކުރެވޭއިރު، މި މަދަރުސާތަކަކީ، މާލީ ތަނަވަސްކަން ނެތް ކުދިންނަށް ތައުލީމު ހޯދުމަށް އޮތް ހަމައެކަނި މަގު ކަމުގައިވެސް އޮންނަނީ ވެފައެވެ.

ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ހަނގުރާމަވެރި ޖަމާއަތްތަކުން، އެ ގައުމުގެ އެކި ހިސާބުތަކުގައި 300އަށްވުރެ ގިނަ ސްކޫލް/މަދްރަސާ ހިންގާކަމަށް މައުލޫމާތު ލިބެއެވެ.