ކެފޭ ހޮޓާ ރެސްޓޯރަންޓްތައް 24 ގަޑި އިރު ހިންގުމަށް ހުއްދަ ދިނުމުގެ މަސައްކަތުގެ ދަށުން ތިން ތަނަކަށް އެ ހުއްދަ އިކޮނަމިކް މިނިސްޓްރީން ދީފިއެވެ.
އިކޮނަމިކް މިނިސްޓްރީން ބުނީ ހުއްދަ ދީފައިވަނީ، ހުޅުމާލެ ފެރީޓާމިނަލް މަތީގައި ހުންނަ ސީހައުސްއަށާއި، ސޯސަން މަގުގައި ހ.ވެލިގާ އިމާރާތުގައި ހިންގާ ސެފްރޯން ކެފޭ އަދި ހާބަރު ކަޑަތަކުގެ ތެރެއިން ނައިސް އެން ސްޕައިސްއަށް ކަމަށެވެ.

ތިން ކެފޭ ރެސްޓޯރަންޓަށް 24 ގަޑިއިރުގެ ހުއްދަ ދީފައިވާއިރު، މިހާތަނަށް އިމްޕޯޓް މުދާ ވިއްކާ 6 ތަނަކުން 24 ގަޑިއިރުގެ ހުއްދައަށް އެދިފައިވާ ކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ. އިކޮނަމިކް މިނިސްޓްރީން 24 ގަޑި އިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެނީ ވަކި ގޮތަކަށް ހުންނަ ވަކި ޝަރުތުތަކެއް ފުރިހަމަވާ ތަންތަނަށެވެ.

އެގޮތުން ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓްތަކަށް 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ ދެވޭނީ ބޭރުން ބަލާއިރު އެތެރެ ރަނގަޅަށް ފެންނަހެން އަލިކޮށް ފެންނަން ހުރުމާއި އެކު 24 ގަޑިއިރު އޮޕަރޭޓްކުރާ ސީސީޓީވީ ހަރުކޮށްފައި ހުންނަ ތަންތަނަށެވެ. މީގެއިތުރުން ހިދުމަތްދޭ ތަނުގައި 24 ގަޑި އިރު ވިޔަފާރިކުރުމުގެ ހުއްދަ ލިބުމަށް ފަހު އެކަން އެނގޭނެ ފަދަ ބޯޑެއް އެތަނެއްގެ ބޭރުގައި ބަހައްޓަންޖެހޭނެ ކަމަށްވެސް ގަވައިދުގައިވެއެވެ.

މީގެ އިތުރުން ކެފޭ ތަކާއި ރެސްޓޯރަންޓް ތަކުގައި މެންދަމު 1:00 އިން ފެށިގެން ފަތިހު 4:30 ހަމައަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ވާނެ ކަމަށްވެސް ގަވާއިދުގައިވެއެވެ. ހާއްސަ ހުއްދަ އަކާއި އެކު 24 ގަޑި އިރު ފިހާރަތައް ހުޅުވާފައި ބެހެއްޓުމަށް ހުޅުވާލާފައިވީ ނަމަވެސް ހުރިހާ ފިހާރައެއްވެސް ރޭގަނޑު 11:00 އާއި ހަމައަށް ވަކި ހާއްސަ ހުއްދަ އަކާއި ނުލައި ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ވެސް ވަނީ ދީފަ އެވެ.

ގަވާއިދުގައި ބުނާ ގޮތުން ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތައް 24 ގަޑިއިރު ހުޅުވުމުގެ ހުއްދައާ ހިލާފްވާ ފުރަތަމަ ފަހަރު 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ހަ މަހަށް ހިފަހައްޓާނެއެވެ. އަދި ތަކުރާރުކޮށް އެ ގަވާއިދާ ހިލާފުވާނަމަ، އެއްކޮށް ހުއްދަ ބާތިލް ކުރާނެ އެވެ. އަދި އެ ހުއްދަ ނެގުމަށް ފަހު، 24 ގަޑިއިރު ވިޔަފާރި ނުކުރާ ނަމަވެސް އެ ހުއްދަ ބާތިލްކުރާނެ ކަމަށް ގަވައިދުގައިވެއެވެ.