ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން ހިންގި ދެ އޮޕަރޭޝަނެއްގައި، ރާއްޖޭން ބޭރުން މާލެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ތިން މީހަކު ވެލާނާ އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި ދެ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނަކާއި 30 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 26 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ.
އެގޮތުން މިމަހުގެ ހަތަރު ވަނަ ދުވަހުގެ ހެނދުނު 8:15 ހާއިރު ރާއްޖޭން ބޭރުން އައި ފުލައިޓަކުން އައި 29 އަހަރުގެ މީހާ ގެނައި ފޮށިގަނޑެއް ކަސްޓަމުން ޗެކުކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 24 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.
އަދި މިމައްސަލައިގައި އިތުރު ދިވެއްސަކު ޝާމިލްވާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، އެދުވަހު ހިންގި އިތުރު އޮޕަރޭޝަނެއްގައި، 30 އަހަރުގެ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން އެ ދުވަހު ހަވީރު 5:25 ހާއިރު ރާއްޖޭން ބޭރުން އައި ފުލައިޓަކުން އައި 26 އަހަރުގެ ބިދޭސީއަކު މަސްތުވާތަކެތި އެތެރެ ކުރި މައްސަލައެއްގައި ވަނީ ހައްޔަރުކޮށްފައެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ މިމީހާގެ ލަގެޖް ކަސްޓަމުން ސްކޭންކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރިކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ފުޅި ފެނުމާއި ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.
މި ދެމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ހަތްދުވަހުގެ މުއްދަތެއް 29 އަހަރުގެ މީހާއާއި 30 އަހަރުގެ މީހާއަށްވަނީ ދީފައިވެއެވެ. އަދި 26 އަހަރުގެ ބިދޭސީމީހާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ބުނެއެވެ.
މިމައްސަލަތައް ޑްރަގް އެންފޯސްޓްމަންޓް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.