އަމިއްލަ މަސައްކަތުން މުއްސަނދިވީ ޒުވާނުންގެ ތެރެއިން މިވަގުތު ދުނިޔޭގައި ހުރި އެންމެ ހަގު ބިލިޔަނަރަކީ ކައިލީ ޖެނާކަމަށް، ފޯބްޒް ބިލިއަނާޒް ލިސްޓު ބުނެފިއެވެ.

ރިއަލިޓީ ޓެލިވަޝަންގައި މަޝްހޫރު ކާޑޭޝަން އާއިލާގެ އެންމެ ހަގު މެންބަރު ކަމަށްވާ ކައިލީގެ މުއްސަނދިކަމުގެ ބޮޑު ހިއްސާއެއް އަދާކުރަނީ އޭނާގެ ކޮސްމެޓިކްސް ވިޔަފާރިއެވެ.

އުމުރުން އެންމެ 21 އަހަރުގެ ކައިލީއަކީ "ކައިލީ ކޮސްމެޓިކްސް"ގެ އޯނަރެވެ. ތިން އަހަރުވީ މި ވިޔަފާރިއަށް މިދިޔަ އަހަރު އެކަނިވެސް 360 މިލިއަން ޑޮލަރު ވަނީ ލިބިފައެވެ.

ފޭސްބުކްގެ ބާނީ މާކް ޒަކަބާގަށްވެސް ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓުން ޖާގަ ލިބުނީ އޭނާގެ އުމުރުން 23 އަހަރުގައެވެ. މާކް ޒަކަބާގް މިހާރު ހިމެނެނީ އަހަރީ އާމްދަނީ ދަށްވަމުންދާ މުއްސަނދިންގެ ތެރޭގައެވެ.

ފޯބްޒްއާއި ވާހަކަ ދައްކަމުން ކައިލީ ބުނީ މިއީ އޭނާ އުއްމީދު ކުރި އަދި ދެކުނު ހުވަފެނެއްވެސް ނޫން ކަމަށާއި، ނަމަވެސް ކަން މިގޮތަށް އޮތުމުން އުފާވާ ކަމަށެވެ.

ފޯބްޒް ލިސްޓު ބުނާ ގޮތުން ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި މީހަކީ އެމޭޒަންގެ ވެރިޔާ ޖެފް ބީޒޯސްއެވެ. ބީޒޯސްގެ މިލްކިއްޔާތުގައި މިހާރު 131 ބިލިއަން ޑޮލަރު ހުރިއިރު، އެއީ 2018 ވަނަ އަހަރާއި އަޅާ ބަލާއިރު 18 ބިލިއަން ޑޮލަރު އިތުރު އަދަދެކެވެ. ލިސްޓުގެ 2 ވަނާގައި ބިލް ގޭޓްސް އޮތްއިރު، 3 ވަނާގައި އޮތީ ވޮރަން ބުފޭއެވެ. ދުނިޔޭގެ އެންމެ މުއްސަނދި ބިލިއަނަރުންގެ ލިސްޓުގެ ގަދަ 10އެއްގައި އެއްވެސް އަންހެނަކު ހިމެނިފައެއް ނުވެއެވެ.