ރަޖިސްޓްރީ ނުކޮށް ޖަމިއްޔާތަައް ހިންގޭނެ ގޮތަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

"ޖަމިއްޔާތަކުގެ ބިލް" މަޖިލީހަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ކެޔޮދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު މޫސާ ނިޒާރެވެ. މި ބިލުގައި ބުނެފައި ވަނީ ރަޖިސްޓްރީ ނުކޮށް ޖަމިއްޔާތައް ހިންގުމަކީ އެ ބިލުން ހުރަސް އަޅާނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ޖަމިއްޔާ ރަޖިސްޓްރީ ނުކުރާނަމަ އެ ޖަމިއްޔާގެ ނަމުގައި މުދާ މިލްކު ކުރުމާއި، ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ހައްގު ލިބިގެން ނުވާ ކަމަށެވެ.

އަދި ރަޖިސްޓްރީ ނުކޮށް ހިންގާ ޖަމިއްޔާތަކުގެ ހަރަކާތްތަކާ ގުޅޭ ހުރިހާ ޒިންމާއެއް އުފުލަން ޖެހޭނީ އެ ޖަމިއްޔާގެ މެންބަރުން ފަރުދީ ހައިސިއްޔަތުން ކަމަށް ބިލުގައި ވެއެވެ. މީގެ އިތުރުން ޖަމިއްޔާތަކަށް ލިބޭ އެއްވެސް އިނާޔަތެއް ނުވަތަ ލުޔެއް ރަޖިސްޓްރީ ނުކޮށް ހިންގާ އެއްވެސް ޖަމިއްޔާއަކަށް ނުލިބޭނެކަމަށް ވެސް މި ބިލުގައި ވެއެވެ.

މިއަދު މި ބިލު މަޖިލީހަށް ހުށަހަޅާ، މެންބަރުން ވަނީ އިބްތިދާއީ ބަހުސް ކޮށްފައެވެ. މި ބިލާ އެއްކޮޅަށް ބައެއް މެންބަރުން ވާހަކަ ދެއްކެވި އިރު، ބައެއް މެންބަރުން މި ބިލާ ދެކޮޅެވެ. އެގޮތުން މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވި މެންބަރު ނިޒާރު ވެސް ވަނީ ރަޖިސްޓްރީ ނުކޮށް ޖަމިއްޔާތައް ހިންގުމަށް ފުރުސަތު ދިނުން އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއް ހިންގުމަށް ކޮންމެ ވެސް ގޮތަކަށް ކަނޑައެޅޭ އުސޫލެއް އޮންނަން ޖެހޭނެ ކަމަށެވެ.

މި ބިލު މަޖިލީހަށް ހުށަހަޅާ ބަހުސް ކުރި އިރު، ބައެއް މެންބަރުން ވަނީ ޖަމިއްޔާތައް ހިންގުމަށް ސަރުކާރުން އެހީތެރިކަން ފޮރުކޮށްދިނުމާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވަފައެވެ. އަދި ޖަމިއްޔާތައް ހިންގުމަށް، އެ ޖަމިއްޔާއެއް ހިންގާ ރަށުގައި ބިމެއް ނުވަތަ އިމާރާތެއް ލިބޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ވެސް ބައެއް މެންބަރުން ވާހަކަ ދެއްކެވިއެވެ.

މި ބިލާއި ގުޅިގެން މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް ވިދާޅުވީ މަދަނީ ޖަމިއްޔާތަކަކީ މުޖްތަމައުއެއް ބިނާ ކުރުމުގައި މުހިންމު ދައުރެއް އަދާކުރެވޭނެ ފަރާތެއް ކަމަށާއި، މަޖިލީހަށް ހުށަހެޅިފައިވާ ޖަމިއްޔާތަކުގެ ބިލަށް ޖަމިއްޔާތަކުގެ ހިޔާލު ހިއްސާ ކުރެއްވުން މުހިންމު ކަމަށެވެ.