ކިރަކީ ކިތަންމެ ނުބައި އެއްޗެއް ކަމުގައި ވީނަމަވެސް އެއްބަސްވާންޖެހޭ ކަމެއް އެބައޮތެވެ. ކިރަކީ ހަށިގަނޑަށް ފައިދާހުރި، ޤުދުރަތީ މާއްދާތަކުން މުއްސަނދިވެފައިވާ ބުއިމެކެވެ. ދުވާލެއްގެ މައްޗަށް، މަދުވެގެން އެންމެ ތައްޓެއްގެ ކިރު ނަމަވެސް ބޮވޭތޯ ބަލަންވާނެއެވެ. ބައެއް މީހުންނަކީ އެކިކަހަލަ ހަވާދު ބާވަތްތައް ކިރަށް އަޅައިގެން ބޯހިއްވާ މީހުންނެވެ. އަނެއް މީހުންނަކީ ފިނިކޮށްގެން ނޫނީ ހޫނުކޮށް ކިރު ބޯ މީހުންނެވެ. ނަމަވެސް ވިސްނާލިން ހެއްޔެވެ؟ ތިބާއަށް ފައިދާކުރަނީ މިތަނުން ކޮން ގޮތެއް ތޯ ބަލާލިން ހެއްޔެވެ؟ ކިރުގައި އެކުލެވޭ ހުރިހާ ވިޓަމިނަކާއި މިނަރަލެއްގެ އިތުރުން އެ މާއްދައަކުން ކިރު މުއްސަނދިވެފައިވާ ކެލްސިއަމް އޭގެ އެންމެ ފުރިހަމަ ގޮތުގައި ހަށިގަނޑަށް ދައުރުވާނީ ކިހިނެއް ކިރު ބުއިމާތޯއެވެ؟ ބަހުސަކަށް ދަމާ ހިނގާށެވެ.
ފިނިކޮށްގެން ކިރު ބުއިމަށް ގިނަ މީހުން އިރުޝާދު ދެނީ ތިބާގެ އަތަށް އެ ކިރު ފުޅި ނޫނީ ޕެކެޓް އެރުމުގެ ކުރިން އެ ސްޓެރެލައިޒްކުރުމަށް ބޭނުންކޮށްފައި ހުންނަ ކެމިކަލްތަކާއި އެ މަރުހަލާ ފުރިހަމަ ކުރުމަށް ބޭނުންކޮށްފައި ހުންނަ އުކުޅުތަކެއްގެ ސަބަބުންނެވެ. ފިނިކޮށްގެން ވިއްކާ ކިރަކީ ހަށިގަނޑަށް ބޭނުންވާ މައިކްރޯ ނިއުޓްރިއަންޓްސްއާއި އިލެކްޓްރޯލައިޓްސްއިން މުއްސަނދިކުރެވިފައިވާ ބާވަތްތަކެކެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންވީ ކަމަކީ، މިފަދަ ކިރުގެ ފައިދާ ކުރާނީ އެންމެ ހެނދުނާއި ބޭނުންކުރެވިއްޖެނަމައެވެ. ރޭގަނޑު ފިނިކިރު ބުއިމަކީ ހަޖަމްކުރުމުގެ ނިސާބަށް ދެވޭ އަނިޔާއަކަށްވެސް ވެދާނެއެވެ. ނަމަވެސް ފިނިކިރަކީ އެސިޑްގެ އުނދަގޫތަކުން ދުރުވެލުމަށް އޮތް ލުއި ފަރުވާއެކެވެ. އަދި މިއީ ކަރުހިއްކުމާއި ހަށިގަނޑުން ފެންމަދުވުމުންވެސް ދުރުކޮށްދޭ ބުއިމެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ފިނިކޮށްގެން ކިރު ބުއިމަކީ ބަރުދަން ލުއިކުރުމަށްވެސް އެހީވެދޭ ކަމެކެވެ. ކިރު ނުބޮނީ ބަރުހެލިކަން އިހުސާސްކުރަންޖެހެދާނެތީ ކަމަށް ހިތާ ކިރުނުބޮއި ނުތިބޭށެވެ. ފިނިކޮށްފައިހުންނަ ކިރުގައި އެކުލެވޭ ކެލްސިއަމްއަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ރޭޓް ރެގިއުލޭޓްކޮށްދޭ މާއްދާއެކެވެ. މިއީ ފަސޭހައިން ކެލަރީޒްތައް އަންދާލަދޭ މާއްދާއެކެވެ. މީގެ އިތުރުން ފިނިކިރު ތައްޓެއް ބޯލުމަކީ ފޮނިއެއްޗިއްސާއި ކޫސަނި އެއްޗިހި ކެއުމަށް ބަނޑުން އަޅާ ފޯލްސް އެލާމްތަކާއިވެސް ދުރުކޮށްދޭ ކަމެކެވެ. ނަމަވެސް މާ ގަދައަށް ފިނިކޮށްގެން، މާ ގިނައިން ފިނިކިރު ބޭނުންކުރުމަކީ ކަރުގެ އިންފެކްޝަނަށް މަގުފަހިވެދާނެ ކަމެއްކަންވެސް ހަނދާނުގައި ބަހައްޓަންވާނެއެވެ.
ކަންމިހެންއޮތްއިރު، ހޫނުކިރަކީވެސް އޭގެ ފައިދާ ކުޑަ ބުއިމެއް ނޫނެވެ. ހޫނު ކިރު ބުއިމުގައި، ތިބާ ހުރި ތަނެއްގެ މޫސުމުގެ އިތުރުން ތިބާގެ ހަށިގަނޑަކީ އެކި ފިނިހޫނުމިނުގެ ބުއިންތަކަށް ކިހިނެއް ރިއެކްޓްކުރާ ހަށިގަނޑެއްކަން ދެނެގަންނަން ވާނެއެވެ. ހުސްކިރު ބުއިމުގެ ބަދަލުގައި އެއަށް އެހެން އެއްވެސް އަޅަން ބޭނުން ނަމަ އެންމެ ރަނގަޅު ގޮތަކީވެސް ހޫނުކޮށް ކިރު ބޭނުންކުރުމެވެ.
ދެން އޮތީ ތާފަނާ ކިރުގެ ވާހަކައެވެ. މިއީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ މެދުގައި މަގުބޫލު ބުއިމެކެވެ. މިއީ އަރާމު ނިންޖަކަށް މަގުފަހިކޮށްދޭ ބުއިމެކެވެ. މިކަން މިހެން މެދުވެރިވަނީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އެއީ ތާފަނާ ކިރުގައި އެކުލެވޭ މެލަޓޮނިންއާއި އެމީނޯ އެސިޑްސްގެ ސަބަބުންނެވެ. މިއީ ކިރަށް ކުޑަކޮށް ހޫނުކޮށްލުމުން އެކްޓިވޭޓްވާ މާއްދާތަކަށްވާއިރު، މިއީ ފަސޭހައިން ނިންދަވާލަދޭ މާއްދާތަކެކެވެ.