ރައްޔިތުންގެ މަޖިލީސް އިންތިހާބަށް ރީރަޖިސްޓްރީ ކުރުމަށް ނަންބަރު ނަގާފައިވާ ފަރާތްތަކަށް އިންތިހާބީ މަރުކަޒު ތެެެރެއަށް ނުވަދެވުމުން މުޒާހަރާ ކޮށްފައިވާ ކަމަށް ފެތުރޭ ވާހަކަ އިލެކްޝަންސް ކޮމިޝަނުން ދޮގުކޮށްފިއެވެ.

"ދަޕްރެސް" އަށް މައުލޫމަތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު އަދި މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ރޭ އިންތިހާބީ މަރުކަޒު ކައިރީގައި އެއްވެސް ބަޔަކު މުޒާހަރާ ކޮށްފައި ނުވާ ކަމަށެވެ. އަބަދުވެސް ރީރަޖިސްޓްރީ ކުރުން ބަންދުކުރާ ވަގުތަކީ އަޑުގަދަ ހަލަބޮލި ވަގުތެއް ކަމަށެވެ. ނަމަވެސް ރީރަޖިސްޓްރޭޝަން ކަންތައް ރޭ ދިޔައީ ވަރަށް އޮމާންކޮށް ކަމަށެވެ.

އަކްރަމް ވިދާޅުވީ މިހާތަނަށް ރީރަޖިސްޓްރީ ކުރަން ހުށަހަޅާފައިވާ ފޯމުތައް އެންޓާ ކުރުމުގެ މަަސްކަތް އަދިވެސް ކުރިއަށް ދާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރުމަށް ހުޅުވާލީ މިދިޔަ މަހު 19 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ދެ ފަހަރެއްގެ މަތިން ރީ ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރު ކުރި އެވެ.

ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ރޭ 10:00 އާ ހަމައަށް އިތުރު ކޮށްފަ އެވެ.

ރީރަޖިސްޓްރީވުމަށް އެދި ހުށަހަޅަން ޖެހެނީ ނިމި ދިޔަ ރިޔާސީ އިންތިހާބުގައި ވޯޓުލީ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށް ބޭނުންވާ ފަރާތްތަކެވެ.

މިއަންނަ މަހު ހަ ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި 264،589 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ. އެ އިންތިހާބުގައި މިހާތަނަށް 87 ދާއިރާއަށް 395 ކެންޑިޑޭޓުންގެ ކެންޑިޑަސީ ފޯމު އީސީން ވަނީ ބަލައިގެންފަ އެވެ.