ހުޅުމާލެ ބީޗްގައި ބިކިނީގައި މޫދަށް އެރެން އުޅުނު މީހަކަށް ފުލުހުން އިރުޝާދު ދޭ ވީޑިއޯއެއް އާންމު ވެއްޖެއެވެ.

އެ ވީޑިއޯއިން ފެންނަނީ ނިވާކަން ކުޑަ ހެދުން ލައިގެން އުޅޭ ޓޫރިސްޓަކަށް ފުލުހުން އިރުޝާދު ދޭ މަންޒަރެވެ. އޭނާ އޭނާގެ އެކުވެރި ދެމީހަކާ އެކު ބީޗަށް ގޮސް މޫދަށް އެރެން އުޅޭ އިރު ދެފުލުހަކު އެތަނަށް ގޮސް އޭނާއާ ވާހަކަ ދައްކާ އަތުގެ އިޝާރާތުން ދައްކަނީ މޫދަށް އެރުން މަނާ ބޯޑު ކަމަށް ބެލެވެއެވެ. އަދި އޭނާއާ ވާހަކަ ދެއްވުމުން އެ ޓޫރިސްޓު މީހާ އެނބުރި އޭނާގެ ރަހުމަތްތެރިންގެ ގާތަށްގޮސް އިނށީދެ ގައިގައި ތުވާލި އޮޅައެވެ. ދެން ފުލުހުން ހިނިތުން ވުމާއެކު އެތަނުން ދާ މަންޒަރު ފެނެއެވެ.

އާންމުން އުޅޭ ސަރަހައްދުތަކުގައި ނިވާކަން ކުޑަ ހެދުން ލައިގެން އުޅުން އާންމު ވުމުގެ ސަބަބުން 2016 ވަނަ އަހަރުގެ ޑިސެމްބަރުމަހު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ހުޅުމާލޭގައި ޓޫރިސްޓް ބީޗެއް ހަދާފައެވެ.

ޓޫރިސްޓުން މޫދަށް އެރުމަށް ހާއްސަ ސަރަހައްދެއް ހަދާފައިވުމުގެ އިތުރުން ނިވާކަން ކުޑަ ހެދުމުގައި ހަރަކާތްތެރި ވުމަކީ މަނާކަމެއްކަން އަންގައިދޭ ބޯޑުތައް ބީޗުގެ އެކިހިސާބުތަކުގައި ހަރުކޮށްފައިވެއެވެ. ނަމަވެސް އާންމުން އުޅޭ ސަރަހައްދު ތަކުގައި ނިވާކަން ކުޑަ ހެދުން ލައިގެން އުޅުން އަނެއްކާވެސް މިވަނީ އާންމުވެފައެވެ.

ޓޫރިސްޓުން މޫދަށް އެރުމަށް ހާއްސަ ސަރަހައްދެއް ހަދާފައިވަނީ ފެންސްޖަހައި ޓޫރިސްޓުންނަށް ހިތްހަމަ ޖައްސާލެވޭނެ ގޮތަށެވެ. މި ސަރަހައްދު އެކުލަވައިލީ މިސަރަހައްދު ބޭނުން ކުރުމުގައި އަމަލު ކުރާނެ އުސޫލު ތަކަކާއިވެސް އެކުގައެވެ.

މި އުސޫލުގައިވާ ގޮތުން ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ޓޫރިސްޓުން މޫދަށް އެރުމަށް ހާއްސަ ސަރަހައްދު ބޭނުން ކުރެވޭނީ ކޮންމެ ދުވަހަކު ހެނދުނު 6.00 އިން އިރުއޮއްސި 6.00 އަށެވެ. އަދި މި ސަރަހައްދުގައި އާންމު އިވެންޓްތައް ބޭއްވުން ވަނީ މަނާ ކޮށްފައެވެ.

މީގެ އިތުރުން ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅު އެޅުމަކީ އެ ޓޫރިސްޓުންނާ ހަވާލުވެފައިވާ އެޖެންސީއެއް ނުވަތަ ޓޫރިސްޓުން ބައިތިއްބާ ގެސްޓް ހައުސްއެއްގެ ޒިންމާއެއް ކަމަށް ވެސް އެޗްޑީސީގެ އުސޫލުގައިވެ އެވެ.

ޓޫރިސްޓުން ބިކިނީ ފަދަ ނިވާކަން ކުޑަ ހެދުމުގައި މޫދު ސަރަހައްދު އަދި ރަށުތެރޭގައި ހަރަކާތްތެރިވުން ހުއްޓުމެއް ނާންނާތީ އެތައް ބައެއްގެ ފާޑުކިއުންތައް ދަނީ އަމާޒުވަމުންނެވެ.