އޯއައިސީ ހާރިޖީ ވަޒީރުންގެ 46 ވަނަ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިިދު، ޔޫއޭއީ އާއި އެހެން ބައެއް ގައުމުތަކުގެ ހާރިޖީ ވަޒީރުން އަދި އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވައިފިއެވެ.

އިއްޔެ އަބޫދާބީގައި މިނިސްޓަރު ޝާހިދާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް އެންޑް އިންޓާނޭޝަނަލް ކޯޕަރޭޝަން ޝައިހް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާން އާއި ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ރާއްޖެއާއި ޔޫއޭއީ އާއި ދެމެދު އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުންނާއި ތަރައްގީގައި ގުޅިގެން މަސައްކަތްކުރުމާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން އޯއައިސީ އާއި އދ ފަދަ ޖަމާއަތްތަކާ ގުޅިގެން މަސައްކަތްކުރުމާއި ބެހޭ ގޮތުންވެސް ދެ ހާރިޖީ ވަޒީރުން މަޝްވަރާކުރެއްވިއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޔޫސުފް ބިން އަހްމަދު އަލްއުތައިމީނާ ވެސް މިނިސްޓަރު ޝާހިދުު ބައްދަލުކުރެއްވިއެވެ.

މި ބައްދަލުވުމުގައި އެ ޖަމާއަތުގެ މަގްސަދުތަކާއި ލަނޑުދަނޑިތައް ހާސިލް ކުރުމަށް ދިވެހިރާއްޖޭން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ސެކްރެޓަރީ ޖެނެރަލަށް މިނިސްޓަރު ޝާހިދު އެރުއްވެވިއެވެ. މީގެ އިތުރުން އޯއައިސީގެ ހުރިހާ ހަރަކާތެއްގައި ވެސް ދިވެހިރާއްޖޭގެ ފުރިހަމަ ބައިވެރިވުން އޮންނާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.

އަބޫދާބީގައި ބޭއްވުނު އޯއައިސީ ހާރިޖީ ވަޒީރުންގެ 46 ވަނަ ބައްދަލުވުމުގެ ހަވާސާގައި މިނިސްޓަރު ޝާހިދު ވަނީ ގިނަ ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއި ބައްދަލު ކުރައްވާފައެވެ. އެގޮތުން ފަލަސްތީން، ބަންގްދަލޭޝް، އުރުދުން، އިންޑިއާ، ކޮސޯވޯ، ކުވައިތުގެ އިތުރުން އަފްއާނިސްތާނުގެ ހާރިޖީ ވަޒީރުންނާއި ބައްދަލުކުރެއްވެވިއެވެ.

މިނިސްޓަރ ޝާހިދު ވަނީ ސަޢޫދީޢަރަބިއްޔާގެ ސްޓޭޓް މިނިސްޓަރު އޮފް ފޮރިން އެފެއާޒާއި މިސްރުގެ ހާރިޖީ ވަޒީރުގެ ނައިބުގެ އިތުރުން އޯއައިސީ ހާރިޖީ ވަޒީރުންގެ 46 ވަނަ ބައްދަލުވުމަށް އިރާގާއި ސާބިއާއިން ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާވެސް ބައްދަލުކުރައްވާފައެވެ.

އަބޫދާބީ ޑެކްލަރޭޝަނާއި އެހެން ބައެއް ރިޒޮލިއުޝަންތައް ގައުމުތަކުން ބަލައިގަތުމަށްފަހު އޯއައިސީ ހާރިޖީ ވަޒީރުންގެ 46 ވަނަ ބައްދަލުވުން ވަނީ މިއަދު ނިންމާލައިފައެވެ. އޯއައިސީ ކައުންސިލް އޮފް ފޮރިން މިނިސްޓާސް މީޓިން އަކީ މެމްބަރު ގައުމުތަކުގެ ހާރިޖީ ވަޒީރުންނަށް އަހަރަކު އެއްފަހަރު އޮންނަ ބައްދަލުވުމެކެވެ. އޯއައިސީ ހާރިޖީ ވަޒީރުންގެ 47 ވަނަ ބައްދަލުވުން އޮންނާނީ 2020 ވަނަ އަހަރު ނައިޖާގައެވެ.

އަބޫދާބީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު 2019 މާޗް 3 ގައި މިނިސްޓާ ޝާހިދާއި އެމަނިކުފާނުގެ އަރިހުގައި އަބޫދާބީއަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން އެނބުރި މާލެ ވަޑައިގަންނަވާނެއެވެ.