ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމް ކޮށްގެން، ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ބެހޭ ސެމިނާއެއް ރ.އުނގޫފާރުގައި ފަށައިފިއެވެ.

ސެމިނާ ކުރިއަށްދާނީ ދޭއް މާޗް އިން ފަހެއް މާޗްގެ ނިޔަލަށެވެ. މި ސެމިނާރަކީ ޔުނިސެފުގެ އެހީގައި ކުރިއަށްދާ ސެމިނާރެކެވެ. މިސެމިނާރު ކުރިއަށް ދަނީ ޔުނިސެޕްގެ އެހީތެރިކާމާ އެކު ރ. އުނގޫފާރުގައެވެ.

މި ސެމިނާ ބޭއްވުމުގެ މަގްސަދަކީ ރާއްޖޭގައި ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ކަމާ ގުޅޭ އެންމެހާ މުއައްސަސާތައް ހޭލުންތެރި ކުރުވުމެވެ. އަދި ބައިނަލް އަގްވާމީ ބެސްޓް ޕްރެކްޓިސްތައް އުނގަންނަވައި ދިނުމާއި، ފަނޑިޔާރުންނާއި ކަމާ ގުޅުންހުރި މުއައްސަސާތަކުގެ ބޭފުޅުންގެ ތަޖުރިބާ ހިއްސާ ކުރެއްވުމެވެ. މީގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރާނެ ގޮތުގެ ފުރިހަމަ މައުލޫމާތު ހިއްސާ ކުރާނެ ޕްލެޓްފޯމެއް ގާއިމް ކޮށްދިނުމެވެ. މީގެ ތެރޭގައި ކުޑަކުދިންގެ އަދުލުގެ ނިޒާމު ކުރިއަށް ގެންދިޔުމުގައި އިދާރާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރުންވެސް ހިމެނެއެވެ.

ސެމިނާގެ ސެޝަންތައް ނަންގަވައި ދެއްވަނީ ޖުވެނައިލް ޖަސްޓިސް ކޯޓު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި މޯލްޑިވްސް ޕޮލިސް ސާވިސްގެ ބޭފުޅުންނެވެ.

މި ސެމިނާގައި ބައިވެރިވެ ވަޑައިގަންނަވަނީ ރ.އަތޮޅު މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނާ، ލީގަލް މުވައްޒަފުންނާ، މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީއާ، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިތުރުން އަތޮޅު ކައުންސިލް އިދާރާ އަދި ސްކޫލްތަކުގެ ބޭފުޅުންނެވެ.