މިޔަންމާ ދޫކޮށް ރެފިއުޖީންގެ ގޮތުގައި އަންނަ އިތުރު ފަރާތްތަކަށް ފުރުސަތު ދެވެން ނެތްކަމަށް ބަންގްލަދޭޝްއިން ބުނެފިއެވެ.

ބަންގްލަދޭޝްއިން މިކަން ހާމަކޮށްފައިވަނީ އދގެ ސަލާމަތީ މަޖިލީހުގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައެވެ.

ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ޝާހިދުލް ޙައްޤު ވިދާޅުވީ، ބަންގްލަދޭޝްގައި ތިބި މިޔަންމާގެ ރެފިއުޖީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސްރަހު އޮތީ ގޯހުން ގޯހަށް ގޮސްފައި ކަމަށެވެ. އަދި މިކަމާއި އދގެ ކައުންސިލުން ފިޔަވަޅު އަޅާ ދެއްވުމަށްވެސް ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ވަނީ ގޮވާލައްވާފައެވެ.

މިޔަންމާގެ ރާޚީން ސްޓޭޓްގައި ދިރިއުޅެމުންދިޔަ ރޯހިންޏާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގި ލާއިންސާނީ ޖަރީމާތަކުން ސަލާމަތްވުމަށް ރެފިއުޖީންގެ ގޮތުގައި 740000 އެއްހާ މީހުން ވަނީ ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ.

އދއިން ސިފަކުރާ ގޮތުގައި މިޔަންމާގެ އަސްކަރިއްޔާގެ ހަރަކާތްތަކަކީ ނަސްލެއް ދޮވެލުމަށް ހިންގި ޖަރީމާއެކެވެ.

އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ބަންގްލަދޭޝްގެ ފޮރިން ސެކްރެޓަރީ ވަނީ، އިންސާނިއްޔަތުކަމާއި ހަމްދަރުދީ ދިނުމުންވެސް އެކަމުގެ އަގު ބަންގްލަދޭޝްއިން އަދާކުރަންޖެހެނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

މިޔަންމާއާއިއެކު ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްފައިވާ ކަމަށާއި، ނަމަވެސް ކޮންމެ ފަހަރަކުވެސް މިޔަންމާއިން ކުރަނީ ދޮގު ހުވާތަކެއް ކަމަށް ހައްޤު ވަނީ ވިދާޅުވެފައެވެ.

މިޔަންމާގެ ސަފީރު ހައޫ ޑޯ ސުއާން ވިދާޅުވީ މިޔަންމާއިން މިހާރުވެސް ފިޔަވަޅުތަކެއް އަޅަމުންދާކަމަށާއި، ހުރިހާ ފަރާތްތަކުންވެސް މިކަމުގައި ކެތްތެރިވާންޖެހޭ ކަމަށެވެ. މިކަމަށް ވަގުތު ބޭނުންވާނެ ކަމަށާއި، އިތުބާރު ގާއިމު ކުރުމަށް ގަދަ ހިތްވަރުވެސް ބޭނުންވާކަމަށް ހައޫ ވަނީ ވިދާޅުވެފައެވެ.