އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިންގެ ދަރިފުޅު، ހަމްޒާ ބިން ލާދިންއަށް އެގައުމުން ދޫކޮށްފައިވާ ރަށްވެހިކަން ބާތިލުކޮށްފައިވާކަމަށް ސައުދީ އަރަބިއްޔާގެ ހާރިޖިއްޔާއިން ހާމަކޮށްފިއެވެ.

މަރާލާފައިވާ އުސާމާގެ ދަރިފުޅުގެ ރަށްވެހިކަން ބާތިލުކުރިކަން ސައުދީއިން ހާމަކޮށްފައި މި ވަނީ، ހަމްޒާއާއި ބެހޭ މައުލޫމާތު ފޯރުކޮށްދިން ފަރާތަކަށް ބޮޑު އިނާމެއް އެމެރިކާއިން ހުށަހަޅާފައިވަނިކޮށެވެ.

ހަމްޒާގެ ރަށްވެހިކަން ބާތިލުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހު އިއުލާންކުރި ޝާހީ އޯޑަރެއްގެ ދަށުން ކަމަށް ސައުދީ ހާރިޖިއްޔާގެ ބަޔާނަކާއި ހަވާލާދީ ބައިނަލްއަގުވާމީ ޚަބަރުތައް ބުނެއެވެ.

ހަމްޒާއަކީ ޓެރަރިސްޓެއް ކަމުގައި އެމެރިކާއިން ކަނޑައެޅީ 2017 ވަނަ އަހަރުއެވެ. އެމެރިކާއިން ބުނާ ގޮތުގައި ހަމްޒާ އަންނަނީ އަލްގައިދާގެ ލީޑަރެއްގެ ގޮތުގައި ކުރި ހޯދަމުންނެވެ.

ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތަށް ޒުވާނުން ރެކްރޫޓުނ ކުރަމުންދިޔަ ހާ ފަސޭހައިން އަލްގައިދާއަށް ޒުވާނުން ރެކްރޫޓުކުރެވިފައި ނުވާއިރު، ހަމްޒާއަކީ މިކަން ކާމިޔާބު ކުރުމަށް އޮތް މަގެއް ކަމަށް މުރާސިލުން ސިފަކުރެއެވެ.