ޕާކިސްތާނުގައި ހައްޔަރުކުރުމަށްފަހު މިނިވަންކުރި އިންޑިއާގެ އަސްކަރީ ޕައިލެޓް އަބީނަންދަން ވަރުތަމަންއަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ތައުރީފުކުރައްވައިފިއެވެ.

ވިންގް ކޮމާންޑާ އަބީނަންދަންއަށް މަރުހަބާ ވިދާޅުވެ ޓްވީޓް ކުރައްވަމުން މޯދީ ވިދާޅުވީ، އަބީނަންދަންގެ ހިތްވަރަށްޓަކައި މިއަދު މުޅި އިންޑިއާވެސް ފަހުރުވެރިވާކަމަށެވެ.

ކަޝްމީރުގެ ޕާކިސްތާނާއި ވީ ފަޅިން އަބީނަންދަން ދަތުރުކުރަމުންދިޔަ އަސްކަރީ މަތިންދާބޯޓު ވައްޓާލުމަށްފަހު، ޕާކިސްތާނުގެ އަސްކަރިއްޔާއަށް އޭނާއާއި ހިސާބަށް ނުދެވިއުޅެނިކޮށް ޕާކިސްތާނުގެ އާންމުން އޭނާގެ ގައިގައި ތަޅާ އަނިޔާކުރި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާއިއެކު އިންޑިއާއިންވަނީ އޭނާއަށް ބަތޮލެއްގެ ދަރަޖަ ދީފައެވެ.

ވިންގް ކޮމާންޑާ އަބީނަންދަން މިނިވަންކޮށްފައި މިވަނީ ޕުލްވާމާ ހަމަލާއާއި ގުޅިގެން އިންޑިއާއާއި ޕާކިސްތާނާއި ދެމެދު އިންތިހާއާށް ނުތަނަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި ނަމަވެސް، މިކަމުގެ ސަބަބުން މަސްރަހަށް ފިނިކަމެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށް މުރާސިލުން ބުނެއެވެ.

އެގޮތުން ހުކުރު ދުވަހުވެސް ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި ހަމަނުޖެހުންތަކެއް ހިންގާ، 7 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އޭގެ ތެރޭގައި އިންޑިއާގެ ސަލާމަތީ ބާރުތަކުގެ 4 މެމްބަރުންނާއި، ހަނގުރާމަވެރިންގެ 2 މީހެއްގެ އިތުރުން އާންމުންގެ މީހެއް ހިމެނެއެވެ.