ކަޝްމީރުގެ ޕާކިސްތާނާ ވީ ފަޅިން ދަތުރުކުރަމުން ދަނިކޮށް ވައްޓާލި އިންޑިއާގެ އަސްކަރީ މަތިންދާބޯޓުގައި އިން ޕައިލެޓް މިނިވަންކޮށް، އިންޑިއާއާއި ހަވާލުކޮށްފިއެވެ.

އިންޑިއާގެ އޮފިޝަލުންނާއި ވިންގް ކޮމާންޑާ އަބީނަންދަން ވަރުތަމަން ހަވާލުކޮށްފައިވަނީ ޕާކިސްތާނާއި އިންޑިއާ ހިއްސާކުރާ ސަރަހައްދީ އިން ކައިރީގައި، ހުކުރު ދުވަހުގެ ވަގުތެއްގައެވެ.

ޕާކިސްތާނު ޓީވީއާއި ވާހަކަދައްކަމުން ވިންގް ކޮމާންޑާ އަބީނަންދަން ބުނީ ޕާކިސްތާނު އަސްކަރިއްޔާއިން އޭނާއާއި މެދު ކަންތައް ކުރި ގޮތާއި މެދު ހިތްހަމަޖެހޭ ކަމަށެވެ.

ވިންގް ކޮމާންޑާ އަބީނަންދަން މިނިވަން ކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ނިންމެވެނީ ސުލްހަޔަށްޓަކައި ހެޔޮ ނިޔަތުގައި ނިންމެވި ނިންމެވުމެއްގެ ގޮތުގައެވެ.

ވިންގް ކޮމާންޑާ އަބީނަންދަން އަށް އިންޑިއާއިން ބަތޮލެއްގެ ޝަރަފު ދީފައިވާއިރު، އޭނާ މިނިވަން ކުރުމާއިއެކު ވެރިރަށް ދިއްލީގައި ވަނީ ބަޑިބޭހެގު ކުޅިވަރުތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޕާކިސްތާނުގެ އާންމުންގެ ފަރާތުން އަނިޔާތަކެއް ލިބެމުންދަނިކޮށް ޕާކިސްތާނު އަސްކަރިއްޔާގެ ހިމާޔަތުގެ ދަށަށް ގެންގޮސް، ވިންގް ކޮމާންޑާ އަބީނަންދަން މިނިވަންކޮށްފައި މިވަނީ، ފެބުރުވަރީ 14 ވަނަ ދުވަހު ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އޮންނަ ޕުލްވާމާއަށް އަމާޒުކޮށް ޕާކިސްތާނުގެ ހަނގުރާމަވެރިއަކު އަމިއްލައަށް މަރުވެގެން ދިން ހަމަލާގައި އިންޑިއާގެ ޕެރާމިލިޓްރީ ފުލުހުންގެ ގިނަ އަދަދެއްގެ އޮފިޝަލުންގެ ފުރާނަ ގެއްލުނު ހާދިސާއާއި ގުޅިގެން އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން އިންތިހާއަށް ނުރައްކާވެފައިވާ ދަނޑިވަޅެއްގައެވެ.