ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި ހަރަކާތްތެރިވަމުން އަންނަ މުސްލިމް ސިޔާސީ ޕާޓީއެއް ކަމަށްވާ ޖާމައަތީ އިސްލާމީ (ޖޭއީއައި)ގެ ހަރަކާތްތައް 5 އަހަރު ދުވަހަށް ސަސްޕެންޑްކޮށްފިއެވެ.

އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ޖަމާއަތީ އިސްލާމީ ޕާޓީ ސަސްޕެންޑްކޮށްފައިވަނީ އެ ޕާޓީއަކީ ހަނގުރާމަވެރިންނަށް ހިތްވަރުދޭ ޕާޓީއެއް ކަމަށް ތުހުމަތުކުރުމަށް ފަހުގައެވެ. އިންޑިއާއިންވަނީ ޖަމާއަތީ އިސްލާމީއަށް ނިސްބަތްވާ 300އަށްވުރެ ގިނަ މެމްބަރުން، މީގެ ހަފުތާއެއްހާ ދުވަސްކުރިން ހައްޔަރުވެސް ކޮށްފައެވެ. ހައްޔަރުކުރީ މީހުންގެ ތެރޭގައި އެ ޕާޓީގެ ލީޑަރު ޢަބްދުލްޙާމިދު ފަޔާޒުވެސް ހިމެނެއެވެ.

އިންޑިއާއިން ޖަމާއަތީ އިސްލާމީގެ މެމްބަރުންތަކެއް ހައްޔަރުކުރީ، ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހު ޕުލްވާމާއަށް ދިން ހަމަލާގައި އިންޑިއާގެ ޕެރަމިލިޓްރީ ފުލުހުންތަކެއް މަރުވި ހާދިސާއާއި ގުޅިގެންނެވެ.

މިއީ އިންޑިއާއިން ޖަމާއަތީ އިސްލާމީއާއި ދެކޮޅަށް މިފަދަ ފިޔަވަޅެއް އެޅި 3 ވަނަ ފަހަރެވެ.