އަމިއްލަ ވަޒަނުގައި ފުރާނައަށް ނުރައްކާވާކަމަށް ބުނެ ސައުދީގެ ދެ އަންހެނަކު އޮސްޓްރޭލިއާއަށް ދަތުރުކުރަން އުޅުމުގެ ތެރޭގައި ހޮންގްކޮންގްގައި ހިފަހައްޓާފައިވާ މައްސަލާގައި ހުޅަނގުގެ މީޑިއާގެ ސަމާލުކަން އެ ދެމީހުންނަށް އަމާޒުކުރަން ފަށައިފިއެވެ.

ރަވާން އާއި ރީމް (އަސްލު ނަމެއް ނޫން) ބުނާ ގޮތުގައި އެމީހުން އާއިލާއަށް ފިލައިގެން އޮސްޓްރޭލިއާއަށް ދާން މިސްރާބު ފެށީ އާއިލާއާއިއެކު ސްރީލަންކާއަށް ކުރި ދަތުރެއްގައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެ ދެބެން ބުނާ ގޮތުގައި ހޮންގްކޮންގްއާއި ހިސާބުން އެމީހުންގެ ޓްރެވެލް ޑޮކިއުމަންޓްސް ނުވަތަ ދަތުރުކުރުމަށް ބޭނުންވާ ރަސްމީ ލިޔެކިއުންތައް ހިފަހައްޓާފައިވަނީ ސައުދީގެ ކަމާއި ބެހޭ ފަރާތްތަކުންނެވެ.

ދެބެންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މައިކަލް ވިޑްލާ ބުނީ އެމީހުން ހޮންގްކޮންގްގައި ފަހައްޓާފައިވަނީ ހުއްދަ ދީފައިވާ މުއްދަތަށްވުރެ އިތުރަށް ހޮންގްކޮންގްގައި މަޑުކުރުމުން ކަމަށާއި ސައުދީގެ ކަމާއި ބެހޭ ފަރާތްތަކުން އެދެބެންގެ ޕާސްޕޯޓް ބާތިލުކޮށްފައިވާކަމަށެވެ.

ސައުދީގައި ތަންޒީފުކުރަމުންދާ ގާނޫނު ބުނާގޮތުން އަންހެނަކު ގައުމުން ބޭރަށް ދަތުރުކުރަންޖެހޭނީ މަހުރަމަކާއިއެކުގައެވެ.

އުމުރުން 18 އަހަރާއި 20 އަހަރުގެ މި ދެއަންހެނުން ބުނީ ސައުދީއަށް އެނބުރި ދިއުމަށް ބިރުގަންނަ ކަމަށާއި، އެމީހުންގެ މައްޗަށް މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށެވެ. ސައުދީއިން ފިލުމަށް ނިންމީ "އަބުރުވެރި" ދިރިއުޅުމެއް ސައުދީގައި ދިރިނޫޅެވޭތީ ކަމަށާއި، ސައުދީގައި ދިރިއުޅުން ބައްޓަންވެފައި އޮތީ ފިރިހެނުންނަށް ހިދުމަތް ކުރުމުގެ މައްޗަށް ކަމަށްވާތީއެވެ.

މި ދެމީހުންނަކީވެސް މިހާރު އިސްލާމް ދީން ދޫކޮށްލާފައިވާ ދެމީހުންކަމަށް އެ ދެމީހުން ވަނީ އަމިއްލައަށް ބުނެފައެވެ.

މިފަދަ މައްސަލައެއްގައި ސައުދީ އަންހެނަކު މީގެ ކުރިންވެސް ހުޅަނގުގެ "ސަމާލުކަން" ހޯދިއިރު، މިހާރު ހުޅަނގުގެ މީޑިއާގެ "ސަމާލުކަން" ހޯދާފައިވާ ދެމީހުންނަށް ހޮންގްކޮންގްގައި ތިބުމަށް ދޫކޮށްފައި އޮތް ވަގުތީ ހުއްދަ، ނިމިގެންދިޔަ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.