މަރާލާފައިވާ އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިންގެ ދަރިފުޅު ހަމްޒާ ބިން ލާދިންއާއި ބެހޭ މައުލޫމާތު ފޯރުކޮށްދިން ފަރާތްތަކަށް 1 މިލިއަން ޑޮލަރުގެ އިނާމެއް ދޭނެކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ ހާރިޖިއްޔާއިން ބުނީ ހަމްޒާ ބިން ލާދިން އަކީ ހަނގުރާމަވެރި އަލްގައިދާ ޖަމާއަތުގެ ލީޑަރުގެ ގޮތުގައި "ގަދަވަމުން" އަންނަ މީހެއް ކަމަށެވެ.

ފާއިތުވީ އަހަރުތަކަށް ބަލާއިރު ހަމްޒާ ވަނީ، އޭނާގެ ބައްޕަ އުސާމާގެ މަރުގެ ބަދަލު ހިފުމުގެ ގޮތުން އެމެރިކާއާއި އެމެރިކާއަށް އެއްބާރުލުންދޭ ހުޅަނގުގެ ބާރުތަކަށް ހަމަލާ ދިނުމަށް ގޮވާލާ، އެކަމަށް ހިތްވަރުދޭ އޯޑިއޯ އަދި ވީޑިއޯ މެސެޖުތަކެއްވެސް އާންމުކޮށްފައެވެ.

އެމެރިކާގެ ސްޕެޝަލް ފޯސަސްއިން އުސާމާ މަރާލީ 2011 ވަނަ އަހަރު، ޕާކިސްތާނުގައެވެ.

އެމެރިކާއިން ވަކާލާތު ކުރާ ގޮތުގައި އުސާމާ ބިން ލާދިން އަކީ، 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާއަށް ދިން ވަރުގަދަ "ޓެރަރިސްޓް" ހަމަލާގެ މުގުލެވެ. އެ ފަހަރުގެ ހަމަލާގައި 3000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

މިހާރު އުމުރުން 30 އަހަރުފުރިފައި ހުންނާނެ ކަމަށް ބެލެވޭ ހަމްޒާއަކީ "ޓެރަރިސްޓެއް" ކަމަށް އެމެރިކާއިން ކަނޑައެޅީ މީގެ ދެއަހަރެއްހާ ދުވަސް ކުރިންނެވެ. ހަމްޒާ ކައިވެނިކޮށްގެން އުޅެނީ 2001 ވަނަ އަހަރުގެ ހަމަލާގައި ވާލްޑް ޓްރޭޑް ސެންޓަރުގެ ޓަވަރުތަކުގައި ޖެއްސި މަތިންދާބޯޓުތަކުގެ ތެރެއިން އެއް މަތިންދާބޯޓު ހައިޖެކް ކުރި މުޙައްމަދު އަތޯގެ ދަރިފުޅާއެވެ.

އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ ފޯ ޑިޕްލޮމެޓިކް ސެކިއުރިޓީ މައިކަލް އިވަނޯފް ވިދާޅުވީ، ބެލެވޭ ގޮތުގައި ހަމްޒާ ދިރިއުޅެމުންދަނީ ޕާކިސްތާނާއި އަފްޣާނިސްތާނު ހިއްސާކުރާ ސަރަހައްދީ އިންކައިރީގައެވެ. މީގެ އިތުރުން އޭނާގެ މަންމައާއިއެކު އީރާނުގައި އުޅުނު ކަމަށްވެސް ބުނާއިރު، ސޫރިޔާގައިވެސް އޭނާ އުޅުނުކަމަށް ބުނެވެއެވެ.