ޕާކިސްތާނުން ވައްޓާލި އިންޑިއާގެ އަސްކަރީ މަތިންދާބޯޓުގެ ޕައިލެޓް، ހުކުރު ދުވަހުގެ ވަގުތެއްގައި މިނިވަން ކުރާނެ ކަން ޕާކިސްތާނުން ކަށަވަރުކޮށްދިނުމަކީ އުފާ ކުރާ ކަމެއް ކަމަށް އިންޑިއާގެ ވައިގެ އަސްކަރީ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

ޕުލްވާމާ ހަމަލާގެ މައްސަލާގައި އިންޑިއާއާއި ޕާކިސްތާނުގެ މެދުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގަމުންދަނިކޮށް، ކަޝްމީރުގެ ޕާކިސްތާނުގެ ވީ ފަޅިން ވައްޓާލި އިންޑިއާގެ އަސްކަރީ މަތިންދާބޯޓުގެ ޕައިލެޓް، ވިންގް ކޮމާންޑާ އަބީނަންދަން ވަރުތަމަންއަށް ޕާކިސްތާނުގެ ހަމަލާ ދެމުންދަނިކޮށް، ޕާކިސްތާނުގެ އަސްކަރީ ސިފައިން ވަނީ އެ ޕައިލެޓަށް ހިމާޔަތް ދީފައެވެ. އަދި ހުކުރު ދުވަހުގެ ވަގުތެއްގައި އޭނާ ދޫކޮށްލާނެ ކަމަށާއި، އެކަން ކުރަނީ ސުލްހައިގެ ނިޔަތުގައި ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ ވިދާޅުވެފައެވެ.

ފެބުރުވަރީ 14 ގެ ހަމަލާއަކީ ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތަކަށް ނިސްބަތްވާ މީހަކު އަމިއްލައަށް މަރުވެގެން ދިން ހަމަލާއަކަށްވީ ނަމަވެސް، އެކަމުގައި ޕާކިސްތާނު ސަރުކާރުގެ އަތެއްވާކަމަށް އިންޑިއާއިން ކުރާ ތުހުމަތުތަކަށް ޕާކިސްތާނު ސަރުކާރުން ދަނީ އިންކާރު ކުރަމުންނެވެ. ޕުލްވާމާ ހާދިސާއާއި ގުޅިގެން އިންޑިއާއާއި ޕާކިސްތާނުގެ އަސްކަރީ ހަރަކާތްތަކާއި ފާރަވެރިކަން ގަދަވެފައިވާއިރު، ވިންގް ކޮމާންޑާ ވަރުތަމަން ދުއްވަމުންދިޔަ އަސްކަރީ ބޯޓަށް ހަމަލާ ދިނުން ނޫން ގޮތެއް ނެތްކަމަށްވެސް ޕާކިސްތާނުން ވަނީ ބުނެފައެވެ.

ޕާކިސްތާނާއި އިންޑިއާ ބައިކުރާ ސަރަހައްދީ އިމުގެ ދެފަޅީގައި، ދެގައުމުގެ އެތައް ހާސް ސިފައިންނެއް މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް ދެކުނު އޭޝިއާގެ ނިއުކްލިއާ ދެ ބާރުގެ ގޮތުގައި އޮތް އިންޑިއާއައި ޕާކިސްތާނާއި ދެމެދު ވަރުގަދަ ހަނގުރާމައެއް ނުފެށި ސުލްހަ ގާއިމު ކުރުމަށް ބައިނަލްއަގުވާމީ ފެންވަރެއްގައި އެދެގައުމަށް ދަނީ ފިއްތުންތަކެއް ކުރިމަތިކުރަމުންނެވެ.