އިތުރު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް އެމެރިކާއިން މަސައްކަތްތަކެއް ކުރި ކަމުގައި ވީނަމަވެސް، މިހާރުގެ ފިކުރަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށް އުތުރު ކޮރެޔާގެ ހާރިޖީ ވަޒީރު ރީ ޔޯންގް ހޯ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއާއި އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގް އުންއާއި ދެމެދު ވިއެޓްނާމްގެ ހަނޯއީގައި ކުރިއަށްދިޔަ މަޝްވަރާތައް ފެއިލްވެގެން ނިންމާލާފައިވާއިރު، އުތުރު ކޮރެޔާއިން އޮތީ ދޫދޭ ގޮތަކަށް ނޫނެވެ.

މަޝްވަރާތައް ފެއިލްވީ އުތުރު ކޮރެޔާއާއި ދެކޮޅަށް ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް އެގައުމުން ޑިމާންޑް ކުރުމުންކަމަށް ޓްރަމްޕް ވިދާޅުވާއިރު، ރީ ވިދާޅުވީ، އުތުރު ކޮރެޔާއިން އެދިފައިވާނީ ބައެއް ފިޔަވަޅުތަކަށް ދޫ ދިނުމަށްކަމަށާއި، ހުރިހާ ފިޔަވަޅުތަކެއް އުވާލުމަށް އެގައުމުން އެދިފައިނުވާނެ ކަމަށެވެ.

ރީ ވިދާޅުވީ އުތުރު ކޮރެޔާގެ ހުށަހެޅުންތަކަކީ ހަގީގަތުގައިވެސް ހާސިލުކުރެވިދާނެ ވަރުގެ ހުށަހެޅުންތަކެއް ކަމަށާއި، އޭގެ ތެރޭގައި ޔޮންގްބިޔީންގް ނިއުކްލިއާ ރިސާޗް ސެންޓަރުގެ މަސައްކަތްތައް މުޅިން ހުއްޓުމަކަށް ގެނައުމަށާއި، އެ ކަން ކުރުމުގައި ފާރަވެރިއެއްގެ ގޮތުގައި އޮތުމުގެ ފުރުސަތު އެމެރިކާގެ އޮބްޒާވަރުންނަށް ދިނުން ފަދަ ކަންކަންވެސް ހުށަހަޅާފައިވާނެ ކަމަށެވެ.

މީގެ ބަދަލުގައި އުތުރު ކޮރެޔާއިން އެދުނީ އެގައުމުގެ އިޖުތިމާއީ އިގުތިސޯދު ހަރުދަނާވާނެ ފަދަ ގޮތަކަށް، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ހޯދުމަށް ކަމަށް ރީ ވިދާޅުވިއެވެ.

މަޝްވަރާތައް ނިންމަވާލެއްވުމަށްފަހު ކުށްލި ގޮތަކަށް ވިއެޓްނާމު ދޫކުރައްވާ ޓްރަމްޕްއާއި އެމެރިކާގެ ވަފުދު ފުރާވަޑައިގެންނެވިއިރު، ޓްރަމްޕްއާއި އެ ފްލައިޓަކުން ދަތުރުކުރެއްވި އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވިދާޅުވީ، މާ ބޮޑަށް ލަސް ނުވަނީސް ދެގައުމުގެ އޮފިޝަލުންގެ މެދުގައި މަޝްވަރާތައް އަލުން ފެށިގެންދާނެ ކަމުގެ އުއްމީދު އެބައޮތްކަމަށެވެ.