އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑަށް ރާއްޖޭގައި ފައިނޭންސިން ވިޔަފާރި ކުރުމަށް ބޭނުންވާ ފައިނޭންސިން ބިޒްނަސް ލައިސަންސް މިއަދު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކޮށްފިއެވެ.

އެސްއެމްއީީ އަކީ 100 ޕަސަންޓް ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މީގެ ތެރެއިން މާލެ، އައްޑޫ ފުވައްމުލަކު، މިއިން ކޮންމެ ސިޓީއެއްގެ ކައުންސިލަކަށް ފަސް ޕަސަންޓް ހިއްސާ ހިމެނެއެވެ.

އެމްއެމްއީން ބުނީ އެސްއެމްއީން ވިޔަފާރި ފެށުމުން ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށް ބޭނުންވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުމަށް އިތުރަށް މަގުފަހިކޮށްދީ، އަދި މާލީ ދާއިރާގެ ވާދަވެރިކަން އިތުރު ކުރުމަށް މަގުފަހިވާނެ ކަމަށެވެ.

އެސްއެމްއީ ބޭންކުގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ވައުދުފުޅެވެ. އެސްއެމްއީ ބޭންކް ހުޅުވުމުގެ ކުރިން އެންމެ ފުރަތަމަ ހުޅުވަން ނިންމާފައި ވަނީ ފައިނޭންޝިއަލް އިންސްޓިޓިއުޓެއް ކަމަށް ރައީސް ސޯލިހު މީގެ ކުރިން ވަނީ ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި އެސްއެމްއީ ފައިނޭންޝިއަލް އެންޑް ޑިވެލޮޕްމަންޓްގެ ނަމުގައި ކުންފުންޏެއް އުފައްދާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މިއަދު އެމްއެމްއޭއިން ވިޔަފާރި ކުރުމުގެ ހުއްދަ ދިނީ އެ އިންސްޓިޓިއުޓަށެވެ.

އެސްއެމްއީ ބެހިފައި އޮންނަނީ ތިން އެންޓަޕަރައިޒަސް އަކަށެވެ. އޭގެ ތެރޭގައި؛

- މައިކްރޯ އެންޓަޕްރައިޒަސް: އެންމެ ގިނަވެގެން ފަސް މުވައްޒަފުން، އަހަރުގެ އާމްދަނީ ފަސް ލައްކަ ރުފިޔާ

- ސްމޯލް އެންޓަޕްރައިޒަސް: އެންމެ ގިނަވެގެން 30 މުވައްޒަފުން، އަހަރުގެ އާމްދަނީ އެއް މިލިއަން ރުފިޔާ

- މީޑިއަމް އެންޓަޕްރައިޒަސް: އެންމެ ގިނަވެގެން 100 މުވައްޒަފުން، އަހަރުގެ އާމްދަނީ އެންމެ ބޮޑުވެގެން 20 މިލިއަން ރުފިޔާއެވެ.

ސިޓީ ކައުންސިލްތަކަށް ދޭ ހިއްސާގެ ތެރެއިން އައްޑޫ ސިޓީ ކައުންސިލުން އެސްއެމްއީ ބޭންކްގައި ހިއްސާވާން ވަނީ ފާސްކޮށްފައެވެ. ކައުންސިލުން ފާސްކުރި ގަރާރުގައި ބުނީ އިކޮނޮމިކް މިނިސްޓްރީން ގާއިމުކުރާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ 5 ޕަސެންޓް ހިއްސާ ނަގަން ކައުންސިލް މެމްބަރުންގެ އިއްތިފާގުން ފާސްވެފައިވާ ކަމަށެވެ.