ސީ ފުޑަށް އެލާޖިކްވެ ހާލުދެރަވެގެން މިދިޔަ ހުކުރު ދުވަހުގެރެއިން ފެށިގެން އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ގެންދިޔަ އުމުރުން 24 އަހަރުގެ ފާތިމަތު ހަނާ މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

ހަނާގެ ހާލު ސީރިއަސް ވީ ރަހުމަތްތެރިންނާއެކު ރެސްޓޯރަންޓަކަށްގޮސް، ސީފުޑް ހުރި އެއްޗެއް ކޭފަހުންނެވެ. ހަނާ ފުރަތަމަ ޑޮކްޓަރަށް ދައްކާފައިވަނީ އައިޖީއެމް ހޮސްޕިޓަލަށެވެ. ހަނާއަކީ އަބަދުވެސް ސީފުޑަށް އެލާޖިކްވާ ކުއްޖެއް ކަމަށާއި، އޭނާގެ ހާލު އިތުރަށް ސީރިއަަސްވީ އައިޖީއެމްއެޗުން ދިން 'އެލާޖީ' ބޭހެއް ކައިގެން ގެއަށް އައިފަހުން ކަމަށް، ހަނާގެ ބައްޕަ، އަދި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އައްސަދާ ހަވާލާދީ ބައެއް މީޑިއާތަކުގައި މައުލޫމާތު ފަތުރާފައި ވެއެވެ.

ހަނާ މިއަދު ހަވީރު ނިޔާވެފައި ވާކަން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އަފްއާލް ވަނީ 'ދަޕްރެސް'އަށް ކަށަވަރު ކޮށްދީފަައެވެ.

ހަނާގެ ސިކުނޑިއަށް އޮކްސިޖަން ނުލިބި، އޭނާ ވޭތިވެދިޔަ ތިން ދުވަހު ވެންޓިލޭޓަރުގައި އޮތް އިރު، ތިންދުވަސް ކުރިން ޑޮކްޓަރުން ވަނީ އުންމީދު ކަނޑާލާފައެވެ.