ރައްޔިތުން ވެރިކަން ބަދަލުކުރި އެންމެ މުހިންމު އެއް ސަބަބަކީ ވައްކަން ހުއްޓުވުމާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ތަހުގީގު ކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ބ.ތުޅާދޫ ދާއިރާގެ އެމްޑީޕީގެ ކެމްޕޭނަށް ވަޑައިގެން، އެއަތޮޅު ފެހެންދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވީ، ގޮތްނޭނގޭ މަރުތަކާއި ވައްކަން ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެ ވަޑައިގަންނަވާފައި ވާކަމަށެވެ.

އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އިއްތިހާދުވީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދިނުމަށްޓަކައި ކަމަށާއި، ރައްޔިތުން އެދޭ ކަންކަން ރައްޔިތުންނަަށް ފުއްދައި ދިނުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ރައްޔިތުން އެދޭ ބިލުތަކަށް، ރައްޔިތުންގެ މަޖިލީހުގައ،ި އިއްތިހާދުން ވޯޓުލަމުން ދާތަން މިއަދު ފެނިވަަޑައި ނުގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ރައްޔިތުން އެދޭ ބިލުތައް މަޖިލީހުގައި ފާސްވެގެން ދާނީ އެމްޑީޕީގެ މެންބަރުން މަޖިލީހަށް އިންތިހާބު ކުރީމައި ކަން މިއަދު ވަރަށް ސާފުކޮށް ފެންނަމުން ދާކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތައް ހޯދައިދިނުން ނޫން އެހެން މަސްލަހަތެއް އެމްޑީޕީގައި ނެތް ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީއިން ރައްޔިތުންނަށް ގެނެސްދޭ އެޖެންޑާ 19އިން ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދޭނެ ކަމަށާއި، އެޖެންޑާ 19ގެ ބޭނުމަކީވެސް ރައްޔިތުން ބޭނުންވާ ތަރައްގީގެ ވަސީލަތަކަށްވުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ ގޮނޑިއަށް ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓަކީ ޕާޓީގެ ލީގަލް ޑިރެކްޓަރު އަދި މަޝްހޫރު ގާނޫނީ ވަކީލު ހިސާން ހުސައިންއެވެ.