މިއަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އޮބްޒާވަރުންނާ މޮނިޓަރުންނަށް ވުމުގެ ވަގުތު މިރޭ ބާރަގަޑި ސުންމިނެޓާއި ހަމައަށް އިލެކްޝަންސް ކޮމިޝަނު(އީސީ)އިން އިތުރުކޮށްފިއެވެ.

މިއަދު މެންދުރުފަހު 14:00އާ ހަމައަށް މުއްދަތު ހަމަވާގޮތަށް ކުރިން އޮތް ފުރުސަތު، މިއަދު ވަނީ 16:00 އާ ހަމައަށް އިތުރުކުރިއެވެ. އޭގެފަހުން ދެވަނަފަހަރަށް އީސީއިން ވަނީ މިރޭ 00:00އާ ހަމައަށް ވަގުތު އިތުރުކޮށްފައެވެ.

އީސީއިން 'ދަޕްރެސްއަށް' މައުލޫމާތުދިން ގޮތުގައި، މިމުއްދަތު ދެވަނަ ފަހަރަށް އިތުރުކުރަން ނިންމީ، ވީހާވެސް ގިނަބަޔަކަށް އިންތިހާބުގައި އޮބްޒާވަރުންނާ މޮނިޓަރުކަން ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންނާއި، ކުޑަ ވަގުތުކޮޅަކަށް ނަމަވެސް މިވަގުތު އިތުރު ކޮށްދިނުމަށް ގިނަ ފަރާތް ތަކަކުން އެދެމުން ދާތީ ކަމަށެވެ. އަދި އިންތިހާބެއް ކުރިއަށް ދާއިރު އެންމެ މުހިންމު ބަޔަކީ، އިންތިހާބު އޮބްޒާވްކޮށް މޮނިޓާ ކުރާ ފަަރާތްތައް ކަމަށްވެސް އިސީއިން ފާހަގަކޮށްފައި ވެއެވެ.

އިންތިހާބާ ދިމާކޮށް މިވަގުތު އިލެކްޝަންސް ކޮމިޝަނަށް އެންމެ ބޮޑަށް ދިމާވެފައިވާ ގޮންޖެހުމަކީ އޮފިޝަލުން ހަމަނުވުމުގެ މައްސަލައެވެ. އިންތިހާބަށް ބޭނުންވާ ހަތަރުހާސް ފަސްސަތޭކައެއްހާ އޮފިޝަލުންގެ ތެރެއިން، އަދި ލިބިފައިވަނީ ދެހާހެއްހާ އޮފިޝަލުން ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.

ރައްޔިތުނގެ މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލްމަހުގެ ހަވަނަ ދުވަހުއެވެ.