ފައިވް-ޖީ ޓެކްނޮލޮޖީގެ އެހީގައި ފުރަތަމަ ފަހަރަށް އޮޕަރޭޝަނެއް ކޮށްފިއެވެ.

ޓެލެމޮނިޓަރިންގް އުސޫލުން މި އޮޕަރޭޝަންކޮށްފައިވަނީ ސްޕެއިންގެ ޑޮކްޓަރެކެވެ. ޓެލެމޮނިޓާ މެދުވެރިކޮށް ކޮންމެވެސް ވަރަކަށް އޮޕަރޭޝަންތައް ކުރި ނަމަވެސް، ފިފްތް ޖެނެރޭޝަން އިންޓަނެޓް މެދުވެރިކޮށް ސާޖަރީ ހަދަމުންދިޔައިރު މަންޒަރު ފެންނަ ސްޕީޑްއާއި މަންޒަރުގެ ކޮލިޓީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކުރެވެއެވެ. މިއާއެކު، ޑޮކްޓަރުގެ އިރުޝާދަށް އަމަލުކުރުމުގައި އޮޕަރޭޝަނަށް ޓީމަށް ބޮޑެތި ފަސޭހަތަކެއް ތަނަވަސްވެ، ހެދޭ ގޯސްތައް މަދުކުރެވެއެވެ.

5 ކިލޯމީޓަރު ދުރުގައި ހުރި ހޮސްޕިޓަލެއްގައި އޮތް ބަލި މީހެއްގެ ބަނޑުން ޓިއުމަރެއް ނެގުމަށް ފައިވް-ޖީ ވީޑީއޯ ލިންކު މެދުވެރިކޮށް އިރުޝާދު ދީގެންކުރި އޮޕަރޭޝަން ނިންމާލުމަށްފަހު ޑޮކްޓާ އެންޓޯނިއޯ ޑީ ލޭސީ ވިދާޅުވީ، މިއީ ރިމޯޓް ޓެކްނޮލޮޖީ އޮޕަރޭޝަންތަކަށް ތަނަވަސްވި ފަހި ފުރުސަތެއް ކަމަށެވެ.

ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ފައިވްޖީ ޓެކްނޮލޮޖީއަކީ އެކަހެރި ހިސާބުތަކަށް ރޮބޮޓުން ފޮނުވައިގެންވެސް މިފަދަ އޮޕަރޭޝަންތައް ކުރުމުގެ ފުރުސަތު ޑޮކްޓަރުންނަށް ފަހިކޮށްދޭނެ ޓެކްނޮލޮޖީއަކަށްވެގެންދާނެއެވެ.