މޯލްޑިވް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފޯރުކޮށްދެމުން އަންނަ ހިދުމަތްތައް 24 ގަޑިއިރަށް ބަދަލުކޮށް ހާއްސަ ހޮޓްލައިނެއް ގާއިމްކޮށްފިއެވެ.

އެމްޑަބްލިއުއެސްސީގެ މަސައްކަތްތަކާއި ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ އެތަނުން ދެމުން އަންނަ ހިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް ހޮޓްލައިނެއް ގާއިމް ކުރުމުން، ކުންފުނިން ދެމުން އަންނަ ހިދުމަތް ހޯދަން ނުގުޅިގެން އުޅެން ނުޖެހޭނެ ކަމަށެވެ.

"ހިދުމަތް ހޯދަން ބޭނުންވާ ފަރާތަކަށް، މިތަނަށް ނުގުޅިގެން އުޅެންޖެހޭނެ އެއްވެސް ސަބަބެއް އޮންނާނެ ކަމަކަށް ނުދެކެން. ކޮންމެ ފަންތިއެއްގެ ކޮންމެ ބޭފުޅަކަށް ވެސް އެއްވަރަކަށް ހަމަހަމަކޮށް ހިދުމަތްތައް ލިބެން ޖެހޭނެ ކަމަށް ގަބޫލު ކުރަނީ" އާޒިމް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން ހޮތްލައިންގެ ފޮތުގައި ގާއިމް ކުރީ 105 ނަންބަރެވެ. އާޒިމް ވިދާޅުވީ ހޮޓަލައިން ގުޅުމުން ކޮންމެ ވަގުތެއްގައި ވެސް ހިދުމަތް ލިބިވަޑައިގަންނަވާނެ ކަމަށާއި، މައްސަލަ ހުށަހަޅާތާ 30 މިނެޓް ތެރޭގައި މުވައްޒަފުން އެތަނަކަށް އެޓެންޑް ވާނެ ކަމަށެވެ.

މީގެ އިތުރުން ފޯން އެޕް މެދުވެރިކޮށް ފެން ލިބުމުގައި ދިމަވާ މައްސަލަތައް ހައްލުކުރުމާއި، މަހުން މަހަށް އަންނަ ބިލް ލިބޭނެ ކަމަށެވެ. އާޒިމް ވިދާޅުވީ އެކުންފުނީގެ ހިދުމަތްތައް އޮންލައިންކޮށް ލިބޭނީ އެޕްރީލް އެކަކުން ފެށިގެން ކަމަށެވެ.

"ސައުވީސް ގަޑި އިރު މަސައްކަތް ކުރަން ޓީމެއް އޮންނާނެ. އަދި 105 އަށް ގުޅައިގެން ހުށަހަޅާ މައްސަލަތަކަށް ވަގުތުން އެޓެންޑުވެ ހައްލު ކޮށްދޭނެ" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ 105 އަށް ގުޅައިގެން ޝަކުވާ ހުށަހެޅުމުގެ އިތުުރުން އެމްޑަބްލިއުއެސްސީގެ ޓްވިޓާ އާއި ފޭސްބުކް މެދުވެރިކޮށް ވެސް ކަސްޓަމަރުންގެ ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.

މީގެ އިތުރުން މާލޭގަ ނަރުދަމާ ނިޒާމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. ނަރުދަމާ ނިޒާމްގައި މައްސަލަ ޖެހެނީ ފާއިތުވި ހަތަރު އަހަރު ތެރޭގައި ނަރުދަމާގެ ނިޒާމު ސާފުކޮށްފައިނެތުމުން ކަމަށެވެ. އަދި އެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ވެސް ހާއްސަ ޓީމެއް އެކުލަވާލާ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

"މިހާރު ސްވަރޭޖުގެ މަސައްކަތަށް އާ ޑިވިޝަނެއް އުފައްދައި މަަސައްކަތް ފަށާފައި ވާނީ. ކޮންމެ ރެއަކު ވެސް ނަރުދަމާ ނެޓްވޯކު ސާފު ކުރުމުގެ މަސައްކަތް ހިނގަމުންދާނެ. އަދި ކޮންމެ އަހަރަކު ވެސް އެއް ފަހަރު ސްވަރޭޖު ނެޓްވޯކު އެއްކޮށް ސާފުކުރާނެ" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ނަރުދަމާގެ މައްސަލަ ހައްލުކުރުމަށް ސްވަރޭޖް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށެވެ. އަދި ނަރުދަމާގެ މައްސަލަ ދިމާވަމުން ދަނީ 100،000 މީހުންނަށް ހިދުމަތް ދިނުމަށް ޑިޒައިންކޮށްފައި ހުރި ނަރުދަމާ ނިޒާމް 150،000 އާއި 200،000 އާއި ދެމެދުގެ މީހުން ބޭނުން ކުރަމުންދާތީ ކަމަށެވެ.

"އިންޑަސްޓްރިއަލް އޭރިއާ ގައި އިތުރު ހަތަރު ޕަމްޕް ސްޓޭޝަން ބަހައްޓައިގެން އެހެން ދިމާތަކަށް އެއްވާފެން ބައިޕާސް ވެގެންދާނެ ގޮތަކަށް ހަމަޖައްސާނީ. މި މަސައްކަތް ކުރިއަށް އޮތް އަހަރެއްހާ ދުވަސް ތެރޭ ނިންމާލެވޭނެ" އާޒިމް ވިދާޅުވިއެވެ.