ރިޔާސީ ކޮމިޝަނަކީ ދުސްތޫރީ ބިންގަލުގެ މައްޗަށް އުފައްދާ އެއްޗެއް ކަމަށާއި، އެހެން ކަމުން ރިޔާސީ ކޮމިޝަންތަކުގެ މަސައްކަތްތައް ފަހިކޮށްދިނުމަށް އެކުލަވާލަން ޖެހޭ ގާނޫނު ހެދުމަކީ މެންބަރުންގެ ދުސްތޫރީ އަދި އަހްލާގީ ޒިންމާއެއް ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވެފައިވަނީ ރައީސް އުފައްދަވާފައިވާ ރިޔާސީ ދެ ކޮމިޝަނަކަށް ބާރު ދިނުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ތިން ފަހަރެއްގެ މަތިން މެންބަރުން ހަމަ ނުވެގެން ވޯޓަށް ނޭހި އޮތުމަށްފަހު އިއްޔެގެ ޖަލްސާގައި މެންބަރު ހަމަވެފައި ވަނިކޮށް ބިލަށް ވޯޓަށް ނާހައި އޭގައި މައްސަލަ ހުރިކަމަށް ބުނެ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލާފައިވަނިކޮށެވެ.
މި ދެ ރިޔާސީ ކޮމިޝަނަށް ބާރުތަކެއް ދެނީ ވަކި މަގްސަދެއް ހާސިލްކުރަންކަމަށް ބައެއް ފަރާތްތަކުންނާއި އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކާއި ގުޅިގެން ދިޔާނާ ވިދާޅުވީ، ގާނޫނުން ބާރު ނުލިބި މީހުން ހާޒިރުކުރުމާ ހެކިބަސް ނެގުމާއި ލިޔެ ކިޔުން ހޯދުމަށް އުނދަގޫވާނެ ކަމަށެވެ. އަދި ގާނޫނަކުން ކޮމިޝަނަށް ބާރު ނުލިބޭނަމަ މީހަކަށް ހާޒިރުވާން އެންގި ނަމަވެސް އެ އެންގުމަށް ތަބާވުމާ ނުވުން އޮންނާނީ އެމީހެއްގެ އިހްތިޔާރުގައި ކަމަށާއި، އެހެން ނޫނީ ޖެހޭނީ ފުލުހުންގެ އެހީތެރިކަން ހޯދަން ކަމަށެވެ.
ރިޔާސީ ކޮމިޝަނުން ފުލުހުންނާއި އެހެން ތަހުގީގީ އިދާރާތަކުގެ މަސައްކަތް ކުރާކަމަށް ބުނެ ދެކެވޭ ވާހަކަތާއި ގުޅިގެން ދިޔާނާ ވިދާޅުވީ ރިޔާސީ ކޮމިޝަންގެ ތަހުގީގު ހިންގަންޖެހެނީ ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފަދަ މުވައްސަސާތައް ބޭނުންކޮށްގެން ކަމަށް ވާނަމަ ރިޔާސީ ކޮމިޝަން އުފެއްދުމުގެ ބޭނުންމެއް ނެތް ކަމަށެވެ. އަދި ދުސްތޫރީ ބޮޑީއެއްގެ ގޮތުގައި ކޮމިޝަން އުފަން ކުރެވެން ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގައި އޮތުމުގެ ބޭނުންމެއް ނެތް ކަމަށެވެ.
މީގެ އިތުރުން ވަކި ކަމަކަށް ރިޔާސީ ކޮމިޝަން ގާއިމްކުރެވެން ގާނޫނުއަސާސީގައި އޮންނަނީ ސަބަބުތަކެއް އޮވެގެން ކަމަށާއި، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލި މައްސަލައިގައި ފުލުހުން އަމަލުކުރިގޮތް ފެންނަން އެބައޮތް ކަމަށެވެ. އަދި ފުލުހުންގެ ބައެއްގެ ދައުރު ނުވަތަ އިހުމާލު އޮތްކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބަލަން ޖެހޭނި އެހެން ބައެއް ކަމަށް ވެސް ދިޔާނާ ވިދާޅުވިއެވެ.
"އޭސީސީގެ ރައީސްގެ މައްޗަށް އަދި އޭސީސީގެ ތެރެއަށް އެމްއެމްޕީއާރުސީގެ ފައިސާގެ ނުފޫޒު ފޯރާފައި އޮތްކަމަށް ތުހުމަތުކުރެވޭ ހިނދު އެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް އޮތުން ރަނގަޅު. އެ ހާލަތުގައި އެސީސީ މެދުވެރިކޮށް އެ ތަހުގީގު ކޮމިޝަނަށް ނުހިންގޭނެ" ދިޔާނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގާނޫނުއަސާސީގަ ރިޔާސީ ކޮމިޝަން އުފެއްދުމަށް ބާރު ލިބިދީފަ އޮންނަ ސަބަބެއް ބެލުމުން އެއީ ފުލުހުންނާއި އޭސީސީގަ އެލިގަނެގެން ފަންކްޝަންވާ ގޮތަށް އޮންނަ އެއްޗެއް ނޫންކަން ސާފު ކަމަށެވެ. އަދި މާޒީގައި ގާނޫނެއް ނެތުމުން ވަގުތީ އިންތިޒާމެއްގެ މައްޗަށް ކަންކަން ހިނގި ނަމަވެސް އެއީ އަދި ގާނޫނި ތަރުތީބެއް ނޫން ކަމަށް ދިޔާނާ ވިދާޅުވިއެވެ.