އުތުރު ކޮރެޔާއިން ނިއުކްލިއާ ހަތިޔާރު ނައްތާލުމާއި ބެހޭ ގޮތުން، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއާއި އުތުރު ކޮރެޔާގެ ލީޑާ ކިމް ޖޮންގް އުންއާއި ދެބޭފުޅުންގެ މެދުގައި ކުރިއަށް ގެންދެވި މަޝްވަރާތައް ކޮޅެއްގައި ނުޖެހި ފެއިލްވެގެން ނިންމަވާލައްވައިފިއެވެ.

ވިއެޓްނާމްގެ ހަނޯއީގައި ކުރިއަށްދިޔަ މަޝްވަރާތަކަށް އިޝާރާތްތައް ކުރައްވާ ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމަކަށް އައުމަށް ފެއިލްވީ، އުތުރު ކޮރެޔާއާއި ދެކޮޅަށް ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާއި ގުޅިގެން އެ ގައުމުން ކުރި ޑިމާންޑްތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން އެމެރިކާއަށް އެއްބަސްވުމަކަށް އާދެވޭ ފެންވަރަށް އުތުރު ކޮރެޔާއިން ނިއުކްލިއާ ބާރުވެރިކަން ކުޑަކުރުމަށް ނުވިސްނާކަމަށްވެސް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވާފައެވެ.

މަޝްވަރާތަކުގެ މައިގަނޑު މައުލޫއަކަށްވީ އުތުރު ކޮރެޔާގެ ނިއުކްލިއާ ޕްރޮގްރާމް މުޅިން ހުއްޓާލުން ކަމަށްވާއިރު، މިމަޝްވަރާތަކާއި ބެހޭ ގޮތުން އުތުރު ކޮރެޔާގެ ލީޑަރު އަދި ބައިނަލްއަގުވާމީ މީޑިއާގައި ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ހަނޯއީގައި ކުރިއަށްދިޔަ މަޝްވަރާތައް ނިންމަވާލެއްވުމަށްފަހު އެމެރިކާގެ ރައީސް ވަނީ، ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި ހަނޯއީއިން ފުރާވަޑައިގެންފައެވެ.