ސިލިކޮޓްއަކީ އިންޑިއާއާއި ޕާކިސްތާނު ބައިކުރާ ލައިން އޮފް ކޮންޓްރޯލް (އެލް.އޯ.ސީ) ކަޝްމީރުގެ ތެރެއިން ދެމިގެންދާއިރު، އިންޑިއާއާއި ވީ ފަޅިން އެންމެ ފަހަތަށް އޮންނަ އަވަށެކެވެ. މި އަވަށް އޮންނަނީ އޫރީއޭ ކިއުނު ސަރަހައްދުގެ އެންމެ އުތުރު ހިސާބުގަނޑުގައެވެ.

ކަޝްމީރުން އިންޑިއާއާއި ޕާކިސްތާނަށް ވީ ފަޅި ބައިކުރާ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް، ދެކުނު އޭޝިއާގެ ނިއުކްލިއާ ދެ ބާރުގެ މެދުގައި ހަމަލާތައް ބަދަލުކުރަން ފަށާފައިވާއިރު، މުޙައްމަދު ޔައުގޫބުގެ ހަނދާނުގެ ސޮފުހާތައް ގޮސް ހުއްޓުނީ 2001 ވަނަ އަހަރުގެ ބާބުތަކުން ބާބަކަށެވެ. އެއީ އެލް.އޯ.ސީ ހުރަސްކޮށް އައި ހަމަލާއެއް އޭނާގެ ހަށިގަނޑަށް އަމާޒުވި ހިތި ހަނދާންތަކުގެ ބާބެވެ.

ލެއިން ފޯވެފައިވާ މުނަކާއިއެކު ހުރިތަނަށް ވެއްޓުނު ހަނދާން، އުމުރުން 60 އަހަރުގެ ޔައުގޫބު ވަރަށް ސާފުކޮށް ހަނދާން ހުރެއެވެ. ހޭއެރިއިރު އޭނާއަކީ ނުކުޅެދޭ މީހެކެވެ. އޭގެއިތުރުން، އަޑުއިވުމުގެ ނިއުމަތުންވެސް އޭނާ މަހުރޫމުވެއްޖެއެވެ. ޔައުގޫބަށް އަމާޒުވި ހަމަލާ، އޭނާގެ އަވަށްޓެރިއަކަށްވެސް އަމާޒުވިއެވެ. އެ ހަމަލާއަށްވެސް ދިރިއުޅެންޖެހިފައިވަނީ އެއްފައިގެ އެހީގައެވެ.

އޭގެ 18 އަހަރުފަހެވެ. ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޕާކިސްތާނުގެ ކޯޅުންގަނޑުގެ މައިދާނަކަށް ވެފައިވާ ކަޝްމީރުގެ އެލް.އޯ.ސީ ސަރަހައްދުގައި ދިރިއުޅެމުންދާ ޔައުގޫބު ފަދަ އެތައް ބަޔަކު މިހާރު ތިބީ ނަފުސާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އިންޑިއާއާއި ޕާކިސްތާނުގެ ބަހުގެ ހަމަލާތަކުގެ އަސްކަރީ ހަރަކާތްތައް ކެކިއުތުރެމުންދާއިރު، ޔައުގޫބުގެ ހިތްވެސް ވަނީ ނާމާންކަމުގެ ކަޅުވިލާގަނޑަކުން ނުތަނަވަސްކޮށްފައެވެ.

"މިތާ ދިރިއުޅުމަކީ ކިހާވަރެއްގެ ކަމެއްކަން އަހަރަމެންނަށް އެނގޭ. އަހަރަމެން ދިރިއުޅެމުން މިދަނީ ދެފަރާތުން ހޫރާލާ ކަނޑީގެ ހިޔަނީގައި. އެ ތަޅާފޮޅުންތަކުގެ މެދުގައި. ފިތެނީވެސް އަހަރަމެން. ކޮންމެ ފަދަ ހަމަލާއެއް އަހަރެންނަށް އަމާޒުވަމުން އަޔަސް އަހަރެންނަށް މިއަދު އެ އަޑެއްވެސް ނީވޭނެ. އަހަރެންނަށް ހަމައެކަނީ ފެންނާނީ" ޔައުގޫބު ކިއާދިނެވެ.

އެލް.އޯ.ސީ ހުރަސްކޮށް ހަމަލާތައް ބަދަލުކުރަމުންދާއިރު ޔައުގޫބާއި އޭނާގެ އާއިލާގެ އެހެން މެމްބަރުންވެސް ނުނިދާ ތިބޭތާ މިހާރު ދުވަސްތަކެއްވެއްޖެއެވެ. އިންޑިއާއާއި ޕާކިސްތާނު ބައިވާ ސަރަހައްދީ އިމުގައި އޮންނަ ފަރުބަދަތަކަށް ފައިބާފައިވާ ސްނޯގަނޑުތަކުގެ މަތީގައި ދެގައުމުގެ ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވާ މަންޒަރު، ޔައުގޫބުމެން ދިރިއުޅެމުންދާ ސަރަހައްދުން ފެނެއެވެ. ހިތަށް ވެރިވާނެ ބިރުވެރިކަން ތަސައްވުރުކޮށްލުމަކީ، މި ދިވެހި މުޖުތަމައުގެ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނެވެސް ކަމެއް ނޫނެވެ.

"އިއްޔެ އަހަރަމެން ރޭގަނޑަށް ކެއްކިން. އެކަމަކު ނުކެވުނު. އަހަރަމެން އެންމެ ތިބީ މާ ބޮޑަށް ނުތަސްނަވަސްވެ، ހާސްވެފައި. ހަމަލާގަނޑު ގަދަވެދާނެތީ ވަރަށް ބިރުގަނޭ. މިއީ އަހަރަމެންގެ އާންމު ދިރިއުޅުމާއި ގުޅިފައިވާ ކަމެއް. އެކަމަކު، މިފަހަރު ހަނގުރާމައަކަށް ބަދަލުވެއްޖެއްޔާޔޯ؟"، 5 ދަރިންގެ ބައްޕައެއްގެ މަގާމުގައި ހުރި ޔައުގޫބު ސުވާލުކޮށްލިއެވެ.

މިއީ ހަމައެކަނި ޔައުގޫބު ހިތުގައި އުފެދޭ ސުވާލެއް ނޫނެވެ. މިއީ ޚުދު އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައު ތެރޭގައިވެސް ދެކޭވެނެ ވާހަކައެކެވެ. ކާ ސުފުރާތަކުގައިވެސް ކުރެވޭނެ ބަހުސެކެވެ. ދެމީހަކު ތަނަކަށް އެއްވެއްޖެނަމަ އެކަކު އަނެކަކާއި ކުރިމަތިކުރާނެ ސުވާލެކެވެ.

ލައިން އޮފް ކޮންޓްރޯލް ސަރަހައްދުގައި ވަޒަންވެރިވެގެން އުޅޭ ހުރިހާ އެންމެންހެން ތިބީ ނަފްސާނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ކުށްލި ހާލަތުގައި ސަލާމަތްވުމަށް ބައެއް މީހުން ތިބީ ފޮށިތަންމަތިވެސް ތައްޔާރުކޮށްގެންނެވެ. އެކަމަކު ދާނެ ތަނެއް ނެތްތާ، ދާނީ ކޮންތާތަކަށްކަންވެސް އެމީހުންނަކަށް ނޭނގެއެވެ.

އިންޑިއާއާއި ޕާކިސްތާނާއި ދެމެދު ހަމަލާ ބަދަލު ކުރުން މަނާ ކުރާ އެއްބަސްވުމެއް އެންމެ ފަހުން އެކުލަވާލީ 2003 ވަނަ އަހަރުއެވެ. ނަމަވެސް، މި އެއްބަސްވުމަށް މާ ބޮޑު ސަމާލުކަމެއް ނުދެވި، ދޭތެރެ ދޭތެރެއިން ހަމަލާތައް ބަދަލުކުރެވެއެވެ. ނަމަވެސް، ނިމިގެން މިދާ ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހު ކަޝްމީރުގެ އިންޑީއާއާއި ވީ ފަޅީގައި އޮންނަ ފުލްވާމާއަށް އަމާޒުކޮށް، މީހަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއަކީ ފަހުގެ ތާރީހުގައި ހިންގި މިފަދަ އެންމެ ބޮޑު ޖަރީމާއެވެ. މި ހަމަލާ ދީފައިވަނީ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ޖާއިޝީ މުޙައްމަދުގެ ހަނގުރާމަވެރިއެއް ކަމަށްވާއިރު، މިމައްސަލާގައި އިންޑިއާއި ޕާކިސްތާނު މިހާރު އޮތީ އެންމެ ފަހުގެ "ގަދަހިފުމަކަށް" ތައްޔާރުވެގެންނެވެ.