މާލޭގައި ފުލުހުން ހިންގި ތަފާތު ތިން އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު 11 ދިވެއްސަކު ހައްޔަރު ކޮށްފިއެވެ.

މިއީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންްޓުން ހިންގި އޮޕަރޭޝަންތަކެކެވެ.

މި އޮޕަރޭޝަންތަކަކީ މިމީހުން ދިވެހިރާއްޖެއަށް މަސްތުވާތަކެތިި އެތެރެކުރުމަށްފަހު އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖަންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަންތަކެކެވެ. މި މައްސަލަތަކާއި ގުޅިގެން 17 އަހަރާއި 33 އަހަރާ ދެމެދުގެ 11 މީހުންވަނީ ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި 9 ފިރިހެނަކާއި އަންހެނެއްގެ އިތުރުން 18 އަހަރުން ދަށުގެ ކުއްޖެއް ވެސް ހިމެނެއެވެ.

އެގޮތުން ފެބްރުވަރީ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި މާފަންނުގައި ހުންނަ ގެއެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ޖޫސްޕެޓީ ކޮތަޅު ފެނިފައި ވެއެވެ. މި މައްސަލައިގައި ހައްޔަރުކުރީ 24 އަހަރުގެ މީހަކާއި 33 އަހަރުގެ މީހެކެވެ. މި ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 33 އަހަރުގެ މީހާއަށް ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއްދީފައެވެ. އަދި 24 އަހަރުގެ މީހާއަށް އެއްދުވަހުގެ މުއްދަތެއް ދީފައި ވެއެވެ.

މީގެ އިތުރުން ފެބްރުއަރީ 20 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި މާފަންނު ސަރަހައްދުން އިތުރު ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ޖޫސްޕެޓީ ކޮތަޅުގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި 23 ސެލޯފިންކޮޅު އެގެއިން ހޯދާފައި ވެއެވެ. މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ 18 އަހަރުން ދަށުގެ ކުއްޖަކާއި 20 އަހަރުގެ އަންހެނެއްގެ އިތުރުން ފަސް ފިރިހެނުންނެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ހަތް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 18 އަހަރުން ދަށުގެ ކުއްޖާއަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާއިރު 20 އަހަރުގެ އަންހެން މީހާއަށް ނުވަ ދުވަހުގެ މުއްދަތެއް ދީފައި ވެއެވެ. އަދި 23 އަހަރާއި 28 އަހަރުގެ މީހެއްގެ އިތުރުން 30 އަހަރުގެ މީހަކަށް 12 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 20 އަހަރާއި 23 އަހަރުގެ މީހާއަށް ބަންދުގެ މުއްދަތަށް ދީފައި ވަނީ ފަސް ދުވަހުގެ މުއްދަތެވެ.

ފުލުހުންގެ އިންޓެލިޖަންސަށް މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފެބްރުއަރީ 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ވަނީ ގަލޮޅު ގެއެއް ބަލައި ފާސްކޮށްފައެވެ. އެ ގެ ބަލައި ފާސްކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި އެގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 73 ރަބަރު ޕެކެޓެއް ވަނީ ހޯދާފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 23 އަހަރުގެ ދެ މީހެކެވެ. އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައި ވެއެވެ.

މި ތިން މައްސަލަވެސް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.