ދިވެހިރާއްޖޭގެ ތާރީހު މި ޒަމާނުގައި ކިޔަވަދޭން ޖެހެނީ މި ޒަމާނުގެ ގޮތަށް، މި ޒަމާނުގެ ވަސީލަތްތަކާއި އުސްލޫބުތައް ބޭނުން ކޮށްގެން ކަމަށް މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ގައުމީ ތާރީހު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިވެހިބަހުގެ އެކަޑަމީން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔުމްނާ ވިދާޅުވީ، މީހަކު ދައްކާ ވާހަކަ އަޑު އަހަން މާ ގިނަ އިރު ތިބުމަކީ އުނދަގޫ ކަމެއް ކަމަށާއި އެހެންކަމުން ތާރީހުގެ ފިލާވަޅުތައް ކިޔަވައިދޭން ގިނަ ވަގުތު ވާހަކަ ދެއްކުމުގެ ބަދަލުގައި އުފައްދަންވީ ތާރީހު ދަސްކޮށްދޭ ޑޮކިއުމެންޓަރީ އާއި އެޕްލިކޭޝަންތައް ފަދަ މި ޒަމާނުގެ ކުދީން ޝައުގުވެރިވާ ފަދަ ތަކެތި ކަމަށެވެ.

ގައުމީ ތާރީހު ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން / ފޮޓޯ: ހެރިޓޭޖް

ތާރީހު ދިރާސާކުރުމަކީ ދަރިވަރުންގެ މައުލޫމާތު މުއްސަނދިވެ ވިސްނުން ތަރައްގީވެ، ތަފާތު ކަންކަމަށް ލޯ ހުޅުވި މައްސަލަ ހައްލުކުރުން ދަސްވާ ކަމެއް ކަމަށް ފާހަގަކޮށް ތާރީހަކީ ދަރިވަރުން ކިޔަވާ ހިތްވާ ފަދަ މާއްދާއަކަށް ހަދައި، ތާރީހު ދިރާސާކުރަން ޒުވާނުންގެ ވެސް ޝައުގުވެރިކަން އިތުރުކުރަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ގައުމެއްގެ ވެސް ހަނދާންތަކެއް ހުންނަކަން ފާހަގަކުރައްވައި، އެ ހަނދާން ދިރުވުމަކީ މުހިންމު ކަމެއް ކަމަށް ފާހަގަކުރެއްވިއެވެ. "ކުރީގެ ތަޖުރިބާތަކާއި ހަނދާންތައް އަޅުގަނޑުމެންނަށް މުހިންމު ވޭ، ހަމައެހެންމެ ގައުމެއްގެ ހަޔާތުގައި ވެސް ގައުމެއްގެ ހަނދާންތައް މުހިންމު" ޔުމްނާ ވިދާޅުވިއެވެ.

މި ޖަލްސާގައި ދިވެހި ތާރީހަށް ހިދުމަތް ކުރުމުގެ ރޮނގުން 11 ބޭފުޅަކަށް އަގު ވަޒަން ކުރުމުގެ ފިލާ އަރުވައިފައިވެއެވެ.