މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ރައްޔިތުންގެ މަޖިލީހުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ލޯންޗް ކުރުން އަންނަ މާޗް މަހުގެ ހަވަނަ ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.

އެމްއާރުއެމްގެ ތަރުޖަމާނު ތަޒުމީލު އަބްދުއްސަމަދު ވިދާޅުވީ ކުރީގެ ރައީސް މައުމޫން އިސްވެ ހުންނަވައިގެން ސިޔާސީ ހަރަކާތްތައް ހިންގަމުންދާ އެމްއާރުއެމްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރާ ކަންޑިޑޭޓުންގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ބާއްވާ ޖަލްސާ އޮންނާނީ އަންނަ މާޗް ހަ ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ކަމަށެވެ.

އެމްއާރްއެމުން މަޖިލިސް އިންތިހާބުގައި މިހާތަނަށް ވާދަކުރަން ނިންމާފައިވަނީ 24 ކެންޑިޑޭޓުންނެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމްއާރުއެމުން ބުނެއެވެ.

ކެމްޕޭން ފެށުމުގެ ޖަލްސާގައި ކެންޑިޑޭޓުންނަށް ރައީސް މައުމޫނުގެ ތާއިދު އޮތްކަށް އަންގައިދޭ ހާއްސަ ސިޓީއެއް ހަވާލުކުރެވޭނެއެވެ. މިހާރުވެސް އެމްއާރުއެމްގެ ކެންޑިޑޭޓުންގެ ކެމްޕޭން އެކި ހިސާބުތަކުގައި ވަރަށް ފޯރިއާއެކު ކުރިއަށްދާ ކަމަށާއި ރަނގަޅު ކާމިޔާބީއެއް އިންތިހާބުގައި ލިބޭނެކަމުގެ ޔަގީންކަށް އެބައޮތް ކަމަށް ތަޒްމީލް ވިދާޅުވިއެވެ.

މަޖިލީސް ކެމްޕޭންގެ އިތުރުން އެމްރާއުއެމް ޕާޓީ ރަޖިސްޓްރީ ކުރުމަށް 3000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ތަޒުމީލު ވިދާޅުވިއެވެ. މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނަމުގައި އާ ސިޔާސީ ޕާޓިއެއް އުފައްދަވަން މައުމޫން ނިންމަވާފައިވަނީ ޕީޕީއެމް ހޯއްދެވުމުގެ ހިޔާލުފުޅު ދޫކުރައްވާ އާ ސިޔާސީ ޕާޓީއަކާއެކު ކުރިއަށް ވަޑައިގަތުމަށެވެ.