އަންނަ އޭޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން އަންނަ ހަފްތާއަށް ތާވަލު ކޮށްފިއެވެ. އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ނަން ތަރުތީބު ކުރުން އޮންނާނީ މާޗް މަހުގެ ހަތަރެއްވާ ހޯމަ އިން ފަހެއް ވާ އަންގާރަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެގޮތުން ހއ، ހދ، ށ، ނ، އަތޮޅުގެ ދާއިރާތަކުގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތު ނެގުން މާޗް ހަތަރަވަނަ ދުވަހުގެ ރޭ 20:30 އިން 21:30 އަށް އޮންނާނެއެވެ.

ރ، ބ، ޅ، ކ، އއ، އދ، އަތޮޅުތަކުގެ ދާއިރާތަކުގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުނެގުން އޮންނާނީ މާޗް ހަތަރުވަނަ ދުވަހުގެ ރޭ 22:45 އިން 22:45 އަށެވެ.

ވ، މ، ފ، ދ، ތ، ލ އަތޮޅުގެ ދާއިރާތަކުގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތުނެގުން އޮންނާނީ މާޗް ހަތަރުވަނަ ދުވަހުގެ ރޭ 23:30 އިން 00:30 އަށެވެ.

މީގެ އިތުރުން 4 ވަނަ ދުވަހުގެ ރޭ ދަންވަރު 1:00 އިން 2:00 އިން ގއ، ގދ، ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީގެ ދާއިރާތަކުގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުނެގުން އޮންނާނެ ކަމަށާއި އަދި މާލެ ސިޓީގެ ދާއިރާތަކުގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ހަމަ އެރޭ ދަންވަރު 2:30 އިން 3:30 އަށް ގުރުއަތު ނެގުން އޮންނާނެ ކަމަށް އީސީން ބުނެފައިވެއެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް އިންތިހާބާ ބެހޭ މަރުކަޒަށް ހާޒިރުވާން ޖެހޭނެ ކަމަށް އީސީ އިން ބުނެއެވެ. އަދި ކެންޑިޑޭޓަށް ހާޒިރުވެވެން ނެތަނަމަ، ކެންޑިޑޭޓުންގެ ފަރާތުން ބަދަލުގައި ދާނެ މީހެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއަކާ އެކު ހުށެހަޅަން ޖެހެއެވެ.

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 87 ދާއިރާއަށް 395 ކެންޑިޑޭޓުން ވާދަ ކުރެއެވެ.