ގައުމުތަކުން މެދުއިރުމައްޗާއި ގުޅޭ ސިޔާސަތުތައް އެކުލަވާލާއިރު، މިހާރަށްވުރެ ބޮޑަށް ހުރިހާ ގައުމެއް ޝާމިލުވާފަދަ ގޮތަކަށް ސިޔާސަތުތައް ބައްޓަން ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގަތަރުން ގޮވާލައިފިއެވެ.

ދަ ގާޑިއަންދެއްވި ބަސްދީގަތުމެއްގައި ގަތަރުގެ ހާރިޖީ ވަޒީރު މުޙައްމަދު ބިން އަބްދުއްރަޙުމާން ބިން ޖާސިމު އަލް ސާނީ ވިދާޅުވީ، ވަކިވެފައިވާ މިނިވަން ދެ ދައުލަތް ބަޔާން ނުކުރާ އެއްބަސްވުމަކާއި، އެނބުރި އައުމުގެ ހައްގު ބަޔާން ނުކުރާ އެއްބަސްވުމަކާއި ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑަނާޅާއެއްވެސް އެއްބަސްވުމަކަށް ގަތަރުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

ގަތަރުގެ ހާރިޖީ ވަޒީރު މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ފަލަސްޠީނުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯއްދެވުމުގެ ނަމުގައި، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އިސް މުޝީރު ޖެރާޑް ކުޝްނާ މެދުއިރުމައްޗަށް ދަތުރުފުޅެއް ފައްޓާފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން ސިފަކުރާ ގޮތުގައި މި އެއްބަސްވުމަކީ "ގަރުނުގެ އެއްބަސްވުމަށް" ވެގެންދާނެއެވެ.

ގަތަރުގެ ހާރިޖީ ވަޒީރު ވިދާޅުވީ މެދުއިރުމަތީގައި މިހާރު އުފެދިފައިވާ ބައިބައިވުންތަކަށް ބަލާއިރު، ކަންތައްތައް އަބަދު މި ގޮތުގައި ދެމިއެއް ނޯންނާނެ ކަން ހާމަވާކަމަށެވެ. އެއްވެސް ބަޔަކީ އަބަދު ފިއްތާލެވިފައި އޮންނާނެ ބައެއް ނުންކަމަށާއި ހަމަނުޖެހުންތަކުން ސަލާމަތްވުމަށްޓަކައި އިސްލާހީ ބަދަލުތަކެއް ގެނައުމަށް ލީޑަރުންނަށް މަޖުބޫރުވާކަމަށްވެސް ގަތަރުގެ ހާރިޖީ ވަޒީރު ވަނީ ވިދާޅުވެފައެވެ. ރައްދުގައި ސިޔާސަތެއް އެކުލަވާލުމުގެ ބަދަލުގައި ގަތަރުން ބޭނުންވަނީ ހަމަނުޖެހުންތައް ހައްލުކުރާނެ ފަދަ ގުޅުމެއް ކަމަށްވެސް ގަތަރުގެ ހާރިޖީ ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

އެމެރިކާއިން އެކުލަވާލާ ސުލްހައިގެ އެއްބަސްވުމާއި މާ ބޮޑު ތަފްސީލެއް ހާމަކޮށްފައި ނުވި ނަމަވެސް، ފަލަސްޠީނުގެ ރައްޔިތުން ޤުދުސްއަށް ވަނުމުގެ ހައްގު ދޫކޮށްލަންޖެހޭ ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ފުރިހަމަ ދައުލަތެއްގެ ގޮތުގައި އިސްރާއީލު އުފެދިގެން އައުމަށް ފުރުސަތު ފަހިކުރުމުގެ ގޮތުން އެމެރިކާއިން އަޅާ ފިޔަވަޅެއް ކަމަށްވެއެވެ.